ކުޅިވަރު

ލީގު ފެށުން އޮކްޓޯބަރަށް


މިއަހަރުގެ
ފުޓްބޯޅަ ކަލަންޑަރުގެ ބާކީ އޮތްބަޔަށް ބޮޑު ބަދަލުތަކެއް ގެނެސް، ޤައުމީ
މުބާރާތުގައި ލީގުގެ އަށް ޓީމްވެސް ކުޅޭގޮތަށް ހަމަޖައްސައިފިއެވެ. އެފްއޭއެމްއިން
މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އުރީދޫ
ދިވެހި ޕްރިމިއާރލީގު ކުރިއަށް ހުރި މެޗުތައް އޮކްޓޯބަރު މަހުގެ ސަތާރަ ވަނަ ދުވަހު
ފަށަން ނިންމުން ހިމެނެއެވެ. ފުރަތަމަ ބުރުގައި ނުކުޅެ އޮތް ހަތަރު މެޗު ކުޅޭނީ
އޮކްޓޯބަރު މަހުގެ ސަތާރަ އަދި އަށާރަ ވަނަ ދުވަހުއެވެ.

ކުރިން އޮތީ ލީގުގެ މެޗުތައް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު ފަށާގޮތަށެވެ. ނަމަވެސް ގެނައި
ބަދަލާއެކު އޭގެކުރިން ސެޕްޓެމްބަރު ފަނަރައިން ތިރީހަށް އޮންނާނީ
ޕްރެޒިޑެންޓްކަޕެވެ. އެމުބާރާތުގައި ލީގުގެ އަށް ޓީމްވެސް ވާދަކުރާގޮތަށް ވަނީ
ހަމަޖައްސާފައެވެ. މުބާރާތް ކުޅޭނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން
ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައެވެ. 

މިހާރު ކަލަންޑަރަށް ގެނެސްފައިވާ ބަދަލުން
އެންމެ އަވަހަށްވެސް ދެން ކުޅޭނީ ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް
މާލޭގައި ކުޅޭ މެޗެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ އަށްވަނަ
ދުވަހުއެވެ.