ޚަބަރު

މީހުން އެކަހެރިކޮށް ބައިތިއްބާ މަރުކަޒުތަކާއި ކަރަންޓީނު މަރުކަޒުތައް ހިންގުމުގެ މިންގަނޑުތައް އާންމުކޮށްފި


މީހުން އެކަހެރިކޮށް ބައިތިއްބާ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވާއިދު އެކުލަވާލައި ސަރުކާރު ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމުކޮށްފައިވާ މިޤަވައިދުގެ މަޤްޞަދަކީ ކޯވިޑް-19 އާއި ގުޅިގެން އެކަހެރި ކުރުމާއި ކަރަންޓީނު ކުރާ މަރުކަޒުތައް ކަނޑައަޅާ އެތަންތަން ހިންގުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް އާންމުކުރުމެެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ގެޒެޓުގައި ޝާއިޢުކޮށްފައިވާ "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދު" މިއީ ޤާނޫނު ނަންބަރު 2012/7 ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ގެ 94 ވަނަ މާއްދާގެ ތ އާއި، އެ މާއްދާގެ ލ ގެ ދަށުން އެކުލަވާލައިފައިވާ ޤަވާއިދެކެވެ.

މިޤަވާއިދުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު، މީހުން އެކަހެރިކުރާ ނުވަތަ ކަރަންޓީނު ކުރާ ހާލަތްތަކާއި، ބައްޔަށް ޕޮޒިޓިވްވާ މީހުން ބަހައްޓާނެ މަރުކަޒުތައް ކަނޑައަޅާނެ ގޮތްތަކާއި، ކަރަންޓީނު ކުރާ މީހުން ނުވަތަ އެކަހެރި ކުރާ މީހުން ބޭތިއްބުމަށް ވަކި އިމާރާތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން މީހުން އެކަހެރިކުރާ މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތައް، މަރުކަޒުން ލިބެންޖެހޭ ޚިދުމަތްތައް އަދި މަރުކަޒުގައި ހުންނަންޖެހޭ އިންސާނީ ވަސީލަތްތައް މި ޤަވައިދުގައި ބަޔާންކޮށްފައި ވެއެވެ. އަދި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޫން އެހެން ހާލަތްތަކުގައި ޤާއިމުކުރާ މަރުކަޒުތަކާ ގުޅޭ އުސޫލާއި، މިފަދަ ހާލަތުގައި އަމަލުކުރާނެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް، ފެސިލިޓީ މެނޭޖަރުގެ ޒިންމާތަކާއި، މިޤަވާއިދުން އިސްތިސްނާ ހާލަތްތައް ބަޔާންކޮށްފައި ވެއެވެ.

މިޤަވާއިދުގައި ބުނެފައިވާގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައަޅާނީ ވަޒީރެވެ. މިގޮތުން ޤާއިމްކުރާ މަރުކަޒުތަކުގައި ލިބެންޖެހޭ ހިދުމަތްތަކަށް ބަލާއިރު މަރުކަޒަށް ގެންދާ އެއްވެސް މީހަކު ޞިއްޙީ ޚާއްޞަ ހާލަތެއް ދިމާވެފައިވާ މީހެއް ނަމަ، އެ މީހަކަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް އިންތިޒާމު ކުރެވިފައި ހުންނަން ޖެހޭނެއެވެ. އަދި ކޮންމެ މަރުކަޒެއްގައި، ތަނާ އެކަށީގެންވާ މިންވަރަށް، މަރުކަޒު ބަލަހައްޓާނެ މީހަކު ނުވަތަ ފެސިލިޓީ މެނޭޖާ ޞިއްޙީ ޚިދުމަތްތެރިން، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތައް ބައިތިއްބަންޖެހޭނެއެވެ.

މިޤަވާއިދުގެ ދަށުން ހަދާ މަރުކަޒުތަކުގައި، މީހުން އެކަހެރިކުރުމާއި ކަރަންޓީންކުރުމާއި، އެކަހެރިކުރުމުގެ މުއްދަތު ނިމުމުން ނުވަތަ ކަރަންޓީނު ކުރުމުގެ މުއްދަތު ނިމުމުން، އެ ފަރާތްތައް އަނބުރާ ފޮނުވައި ލުމުގައްޔާއި މަރުކަޒުތައް ހިންގުމާ ގުޅޭ އިދާރީ ކަންކަން ހިމެނޭ ގޮތަށް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި، ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް، އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އެކުލަވައިލާންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައި ވެއެވެ.

މީގެއިތުރުންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ގެޒެޓުގައި ޝާއިއުކޮށްފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކުގެ ކަންކަން ހުންނަންޖެހޭނެ ގޮތްތަށްވެސް ވަނީ މިޤަވާއިދުގައި ވަނީ ހިމަނާފަައެވެ.