ވިޔަފާރި

ދިވެހި އުފެއްދުންތައް ބާޒާރަށް ނެރޭ ފަރާތްތަކަށް ޙާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ


އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މިއީ އިޤްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ތެރެއިން ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. މި ޕްރޮގުރާމް މެދުވެރިކޮށް އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަގަޅު ދިވެހި އުފެއްދުންތައް ނެރުމެވެ. އަދި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިންގ ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗަރ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ޕްރޮގުރާމްގެ މަޤްސަދެކެވެ.

މީގެ އިތުރުން ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށްވެސް މި ޕްރޮގްރާމް މަގުފަހިކޮށްދޭނެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން، 30 ޖޫންގެ ކުރިން ބައިވެރިވާންޖެހޭނެއެވެ. ބައިވެރިވުމަށް އެކަމަށް ޙާއްސަކޮށްފައިވާ ފޯމު ފުރައިގެން ނުވަތަ ނަންނޯޓު ކޮށްގެންވެސް ބައިވެރިވެވޭނެއެވެ.