ވިޔަފާރި

ފަތުރުވެރިންގެ އަތުން އިތުރު ފީއެއް ނުނަގާނެކަމުގެ ޔަޤީންކަން ދެން- ޓުއަރިޒަމް މިނިސްޓްރީ


ފަތުރުވެރިންނަށް ޖުލައިމަހު ރާއްޖެ އަލުން ހުޅުވާލާއިރު، ފަތުރުވެރިންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުލައިމަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ޕްލޭންތައް ރާއްވަވަމުން ގެންދަވާކަމަށެވެ. އަދި ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޯވިޑްއަށް ފަތުރުވެރިކަން އަލުން ފަށާއިރު އިތުރު ފީތައް ނުނަގާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވިއިރު، މިދިޔަ ހޯމަދުވަހު ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮމްޕެޓިޓިވްނެސް ޑިޕާޓްމަންޓްގެ އިސްވެރިންނާއެކު ޓުއަރިޒަމް މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި ވެބިނަރގައި، އެމަނިކުފާނުވެސް ވަނީ ފަތުރުވެރިންގެ އަތުން އިތުރު ފީތައް ނުނެގުމަށް ގޮވާލައްވާފައެވެ.

މިވެބައިނަރގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑްއަށްފަހު އަލުން ފަތުރުވެރިކަން ފަށާއިރު މިއީ ޤައުމުތަކުން ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.

ލޮކްޑައުންއަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާ، ފަތުރުވެރިކަމުގެ ހަރަކާތްތައް އަލުން ފަށައިގަތުމަށް ޓުއަރިޒަމް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި، ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓް، ސަފާރީ، ގެސްޓްހައުސްތަކާއި އެއަރޕޯޓްތައް އޮޕަރޭޝަނަށް އަލުން ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ޕްލޭނެއް ތައްޔާރުކުރައްވާފައެވެ. އަދި އެޕްލޭނަށް ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ދަނީ ހޯއްދަވަމުންނެވެ.