ޚަބަރު

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މެމްބަރު ޖާބިރު ގޮވާލައިފި


ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަމުންދާ މައްސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަމުންދާ މައްސަލާގައި މަޖިލިސްގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައްވައި ޖާބިރު މިއަދު ސިޓީއެއް ފޮނުއްވާފައި ވާއިރު، މަޖިލީހުގެ ޖަލްސާތައްބާއްވަމުން ދަނީ އެޗްޕީއޭގެ ހުއްދަލިބިގެން ކަނޑައެޅިފައިވާ ޚާއްސަ ކަންކަން ފުރިހަމަކޮށްގެންނެވެ.

ޖާބިރު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ މިހާލަތާއި ގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބޭއްވުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް. އަދި މިވަގުތު މަޖިލިސް ބާއްވަމުންދަނީ ވަކި ސިޔާސީ އައްޑާއެއްގެ ގޮތުގައިކަމަށްބުނެ ޖާބިރު ވަނީ މަޖިލިސް ރައީސް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ޖާބިރު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު މަޖިލިސް ޖަލްސާތައް ބާއްވަމުންދަނީ އެޗްޕީއޭ އިން އަންގާފައިވާ ގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމަށްޓަކައި ހަތް ކަމެއް ފުރިހަމަ ކުރުމަށްފަހު، ފުލުހުންގެ ފަރާތުން ލިބެންޖެހޭ ހުއްދަ އާއި އެކުގައެވެ.

މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންގާފައިވާ ކަންތައްތަކަކީ:

1- ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުން.

2- ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުން.

3- މާލަމަށް ވަނުމުގަޔާއި ނުކުތުމުގައި، އެކަކު އަނެކަކާއި ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން.

4- ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން.

5- މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުން.

6- ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް (ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން) އަމަލު ބެހެއްޓުން.

7- މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން. އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން.

މަޖިލީހުގެ ޖަލްސާތައް މިދަނޑިވަޅުގައި ބޭއްވުމުގެ އެންމެ މުހިންމު އެއް މަސައްކަތަކީ ޤާނޫނު އަސާސީ އިސްލާހުކުރުން. މިހާރު އިންތިޚާބް ކޮށްފައިވާ މެމްބަރުންގެ ދައުރު އަންނަ މަހުގެ 2 ވަނަ ދުވަހު ހަމަވާއިރު، މިމައްސަލާގައި ޤާނޫނު އަސާސީއަށް އޭގެ ކުރިން އިސްލާހު ގެންނަންޖެހެއެވެ. ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމުން އެބިލް ފާސްކުރުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން ކޮމިޓީން ހުށަހަޅާ ކަމަކަށް 3 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. ނަމަވެސް މައިނޯރިޓީ ލީޑަރާއި، މެޖޯރިޓީ ލީޑަރު އެއްބަސްވާނަމަ އެމުއްދަތުގެ ކުރިން އެމަސައްކަތް ނުކުރެވިދާނެއެވެ. ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިކަމަކަށް އެއްބަސްވެފައި ނުވުނުން މިމައްސަލާގައި ކުރިއަށް ދިއުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.