ޚަބަރު

އެސްޑީޖީ ރާއްޖޭގައި ތަންފީޒުކުރެވޭނެ - މިނިސްޓަރ


2015
ވަނަ އަހަރަށްފަހު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒު ކުރުމުގައި
ރާއްޖެ ފަދަ ކުޑަ ގައުމުތަކަށް ގޮންޖެހުންތައް ކުރިމަތިވެދާނޭ ކަމަށްވީ ނަމަވެސް  ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ނުވަތަ
ސަސްޓޭނަބަލް ޑެވެލޮޕްމަންޓް ގޯލްސްއަކީ ރާއްޖޭގައި ތަންފީޒުކުރެވޭނެ
ލަނޑުދަނޑިތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ފޮރިން
މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ދުންޔާ
މައުމޫން ވިދާޅުވީ މީގެކުރިން ތަންފީޒުކުރުމަށް މަސައްކަތް ކުރި މިލޭނިއަމް ޑިވެލޮޕްމެންޓް
ގޯލްސް (އެމްޑީޖީ)ގެ ބޮޑު ބައެއް ކާމިޔާބު ކަމާއެކީ ރާއްޖެއިން ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ތަންފީޒު ނުކުރެވޭ ލަނޑުދަނޑިތައް
ތަންފީޒުކުރުމުގައި ތަރައްގީ ވެފައިވާ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް
މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއަށް އެމްޑީޖީގެ ތެރެއިން ހާސިލް
ނުވެ އޮތް ލަނޑުދަނޑިތަކަކީ ޖިންސީ ހަމަހަމަކަމާއި، ތިމާވެށި ރައްކާތެރިކަމާއެކު
ދެމެހެއްޓުން ކަމަށް މިނިސްޓަރު ދުންޔާ ވިދާޅުވިއެވެ. 

މިނިސްޓަރ ދުންޔާ ވިދާޅުވީ
މިއަހަރުން ފެށިގެން އަމަލުކުރުމަށް ނިންމާފައިވާ އެސްޑީޖީ އެކުލަވާލުމުގައި
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާރގެ ހައިސިއްޔަތުން
ރާއްޖެ ވަނީ އިސް ދައުރެއް އަދާކޮށްފަ ކަމަށެވެ. އަދި ރާއްޖެއިން އެމްޑީޖީ
ތަންފީޒުކުރުމުގައި ބޮޑު ކާމިޔާބީ އެއް ހޯދާފައިވާތީ، ބައިނަލްއަގްވާމީ އިތުރު ލަނޑުދަނޑިތަކެއް ކާމިޔާބު ކުރުމުގައި ރާއްޖެއަށް މާބޮޑު
އުނދަގުލެއް ކުރިމަތިވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށްވެސް މިނިސްޓަރު
ދުންޔާ ވިދާޅުވިއެވެ. 

އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015 ވަނަ އަހަރުން
ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވި
ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ. އެސްޑީޖީ
އެކުލަވާލާފައި ވަނީ އެމްޑީޖީގެ ލަނޑުދަނޑިތައް ތަންފީޒު ކުރުން މިއަހަރަށް
ހަމަވުމާއި ގުޅިގެންނެވެ.