ވިޔަފާރި

ބިލް ނުދައްކާ ފަރާތްތަކުގެ ކަރަންޓް ކަނޑާލަން ގޭގެ ވެރިން އެދޭ- ސްޓެލްކޯ


މާލޭގައި ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާ ހުރުމުން އެގޭގެއިން ކަރަންޓު ކަނޑާދިނުމަށް ގޭގެ ވެރިން އެދެމުން ދިޔަނަމަވެސް އެގޮތަށް ގޭގެއިން މިދުވަސްކޮޅު ކަރަންޓު ކަނޑާނުލާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޤްނީ ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައި މާލީ ދަތިތަކުގެ ސަބަބުން ކަރަންޓު ބިލު ނުދެއްކުނަސް ޙިދުމަތް ކަނޑާނުލާނެ ކަމަށެވެ.

"ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާ ހުރުމުން އެގޭގެއިން ކަރަންޓު ކަނޑާލުމަށް އެދޭ، މިހެން އެދެނީ ކުއްޔަށް ދީފައި ހުންނަ ފަރާތްތަކުގެ ވެރިން، އެހެން ނަމަވެސް އެފަރާތްތަކަށްވެސް އަންގަން ލޮކްޑައުންގެ ތެރޭގައި ކަރަންޓު ކަނޑާނުލާނެ ކަމަށް"، މުޤްނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން ލޮކްޑައުންކޮށްފައިވާ ރަށްރަށުގެ ކަސްޓަމަރުންނަށް މާލީ ދަތިތަކުގެ ސަބަބުން ބިލް ނުދެއްކުނު ނަމަވެސް ޚިދުމަތް ކަނޑާނުލުމަށް ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރީ ޚިދުމަތަކަށްވުމާއި، މިދަނޑިވަޅުގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ލުޔެއް ދިނުމަށްކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. ކޯވިޑް-19އާ ގުޅިގެން ޢާއްމުނަށް ދިމާވާނެ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުންވަނީ މެއިމަހާއި ޖޫންމަހުގެ ކަރަންޓުބިލުން %40 އުނިކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްޓެލްކޯއިންދަނީ ބިލް ފޮނުވުމާއި ބިލް ދެއްކުމުގެ ޚިދުމަތް އޮންލައިންކޮށްފައެވެ. އެގޮތުން މިހާރު ގޭގެއަށް ބިލް ފޮނުވަނީ ސްޓެލްކޯގެ އެޕްލިކޭޝަނާއި އެސްއެމްއެސްގެ ޒަރިއްޔާއިންނެވެ. އަދި ބިލް ދެއްކުމުގައިވެސް އޮންލައިން ޕޭމަންޓް ހެދުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.