ޚަބަރު

އެންއައިސީގެ މެމްބަރުންގެ އިތުބާރުނެތްކަމަށް ނިންމުމަށް މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފި


ކޯވިޑް 19 އާއި ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީއަށް ދެއްވާފައި ނުވާ މައްސަލައިގަ އެކޮމިޝަންގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމުމަށް މެމްބަރުން ގޮވާލައްވައިފިއެވެ.

ކޯވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުއަޅައި މިނިވަން ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލެއްވި ރިޕޯޓް މިއަދުވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެދުނު މައުލޫމާތުތައް ދީފައިނުވަނީ ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަނުންކަމަށެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިނިވަން ކޮމިޝަންތަކުން ކުރައްވާ މަސައްކަތް ބަލައި އެކޮމިޝަންތައް ޒިންމާދާރުކުރުވުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަންފަދަ ކޮމިޝަންތަކަކީ މިއަދު ވަރަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކުރައްވަމުންދާ ކޮމިޝަންތަކެއްކަމަށް އޭނާވިދާޅުވިއެވެ.

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަކީ ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމުގެ އެންމެ މަތީ ޒިންމާ އުފުލާ ކޮމިޝަނަށްވާއިރު 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެއްވެސް ތަހުޤީޤެއް ކުރެވި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާކަމީ ކަންބޮޑުވާންޖެހޭކަމެކެވެ. މިމައްސަލައިގަ ވާހަކަ ދެއްކެވި މެމްބަރުންވަނީ ޒިންމާދާރުކަން ކުޑަ ކޮމިޝަންތަކުގައި މަސައްކަތް ކުރައްވާ މެމްބަރުން ވަކި ކުރެއްވުމަށް ގޮވާލައްވާފައެވެ.

ރިޕޯޓަށް ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ތެރެއިން ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކުރާ ކޮމިޝަންތަކުގައި ތިއްބެވި މެމްބަރުން ވަކި ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަނާއި، ހިއުމަންރައިޓް ކޮމިޝަނާއި، ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަންގައި ތިއްބެވި މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކުރުމަށްފަހު ކޮމިޝަންތައް ހިންގޭނެ ގޮތެއް މަޖިލީހުން ހަމަޖައްސަވަންޖެހޭކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.

މިމައްސަލައިގަ ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިނިވަން ކޮމިޝަންތަކުގެ ތެރެއިން ޒިންމާދާރުކަމާއިއެކު މަސައްކަތް ނުކުރެވޭ ކޮމިޝަންތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިނިވަން ކޮމިޝަންތައް އުފެދިފައިވާއިރު ކޮމިޝަންތަކަށް މަސައްކަތް ކުރެވޭނެ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި ބޮޑެތި ބާރުތައް ދޫކޮށްފައިވާކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން މިނިވަން މުވައްސަސާތަކުގެ ތެރެއިން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ފިޔަވައި މައުލޫމަތު ހޯދުމަށް ދެންނެވުނު ހުރިހާ ކޮމިޝަނަކުން ވަނީ ކޮމިޓީއަށް ބޭނުންވި މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަކީ ރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.