ޚަބަރު

ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓް ބިލު ދައްކައިދިނީ ދާއިރާގެ މެމްބަރު

ކޯވިޑް19އަށް އަތޮޅު ތެރެއިން އެންމެ ގިނަ މީހުން ޕޮސިޓިވް ށ.ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓް ބިލު އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ދައްކަވައިދެއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެމްބަރު ރިޒާ ވިދާޅުވީ ނަރުދޫ ހުރިހާ ގެއެއްގެ މޭމަހުގެ ކަރަންޓް ބިލު ދައްކައި ދެއްވާފައިވާކަމަށެވެ. އަދި މިއީ އެރަށަށް ދިމާވެފައިވާ ހިތާމަވެރި ދަތި ހާލަތާ ގުޅިގެން ވެދެއްވި އެހީތެރިކަމެއްކަމަށެވެ. ރިޒާ ފާހަގަކުރެއްވި ގޮތުގައި ނަރުދޫއިން ގިނަ ބަޔަކު ކޯވިޑް19އަށް ޕޮސިޓިވްވުމާއެކު އެރަށުގެ ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

"އަޅުގަނޑު ބޭނުންވީ ނަރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދަދިނުން. އެރަށަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ޕޮސިޓިވްވެ އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު އެއްރަށް. އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ހާލުބަލައި އޮޅުންފިލުވަމުން މި ގެންދަނީ،" ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވި ގޮތުގައި ކޯވިޑް19އާ ގުޅިގެން އޭނާ ނިސްބަތްވެވަޑައިގެންނަވާ ދާއިރާ ހާލަތު އެރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ގެންދެވީ ބައްލަވަމުންވެ. އަދި ކޮވިޑަށް ޕޮސިޓިވް އާއިލާ ތަކަށް ބޭނުންވާ އެހީތެރިކަން އޭނާގެ ތަނަވަސްކަން ހުރި މިންވަރުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ކައުންސިލް މެދުވެރިކޮށް ދެމުން ގެންދެވިކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

ނަރުދޫއިން ކޮިވިޑް19 އަށް ބަޔަކު ޕޮސިޓިވްވީ މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމަށްފަހުއެވެ.