ދުނިޔެ

އެމެރިކާއިން ޑަބްލިޔުއެޗްއޯއާއެކު ބާއްވާ ގުޅުން ކަނޑާލައިފި


އެމެރިކާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއެކު ޤާއިމުކޮށްފައިވާ ގުޅުން ކަނޑާލައިފިއެވެ.

ޑަބްލިއުއެޗްއޯއާއެކު އޮތް ގުޅުން ކަނޑާލާފައިވާކަން ހާމަކުރީ ހުކުރުދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާއިން ޑަބްލިއުއެޗްއޯއާއެކު އޮތް ގުޅުން ކަނޑާލީ ޗައިނާގެ ނުފޫޒު އެޖަމުޢިއްޔާއަށް މާބޮޑުކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ ޗައިނާއިން ވަނީ ވައިރަހުގެ ހަގީގަތް ޑަބްލިއުއެޗްއޯއަށްވެސް ފޮރުވާފައިކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެތައްހާސް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. އަދި ޑަބްލިއުއެޗްއޯއަށް ދޭންޖެހޭ ރަނގަޅު މަޢުލޫމާތު ދީފައިނުވުމުގެ ސަބަބުން ވައިރަހާއި ގުޅިގެން އެހެން ޤައުމުތަކަށް ފިޔަވަޅު އެޅުމަށް ލަސްވިކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މިހާތަނަށް ޗައިނާއިން ޑަބްލިއުއެޗްއޯއަށް ޚަރަދުކުރަމުން އައީ 40 މިލިއަން ޑޮލަރު ނަމަވެސް އެމެރިކާއިން ކޮންމެ އަހަރަކުވެސް 450 މިލިއަން ޑޮލަރު ޚަރަދުކުރާކަމަށް އެމެރިކާއިން ބުނެއެވެ. އަދި އެންމެ 40 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޑަބްލިއުއެޗްއޯއަށް ޗައިނާއިން ނުފޫޒުފޯރުވަމުންދާކަމަށް ބުނެ އެމެރިކާއިން ވަނީ ޗައިނާއަށްވެސް ފާޑުކިޔާފައެވެ.

އެމެރިކާއިން ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ މިދަނޑިވަޅުގައި ކޯވިޑް ނަވާރައިން އަރައިގަތުމަށް ކުރިއަށް އޮތް ދެއަހަރަށް ޑަބްލިޔުއެޗްއޯއަށް 2 ބިލިއަން ޑޮލަރު ދޭން ޗައިނާއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ނިންމާފައެވެ. މިއީ މިދިޔަ އަހަރު ޑަބްލިއުއެޗްއޯއިން އެކި ޙަރަކާތް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް މުޅި އަހަރަށް ލިބުނު ބަޖެޓާ އެއްވަރުގެ ބަޖެޓެކެވެ.