ޚަބަރު

ޞިއްޙީ ޚިދުމަތުގެ ފެންވަރުބަލާ ކޮމިޝަނަރު، ޢައްޔަން ނުކުރާ ސަބަބު ދިރާސާކުރަން ފަށައިފި


ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޢައްޔަންކުރަންޖެހޭ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިނުވާ ސަބަބު ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމައިފިއެވެ.

2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީޤްކުރި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައި، ދިވެހިރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ތަންތަން މިޤާނޫނުގެ ދަށުން ބަލައި ފާސްކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްއަށެވެ.

މިޤާނޫނުގައިވަނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކަންކަން ހިންގަނީ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް"ގެ ނަމުގައި މަޤާމެއް އުފައްދައި، އެމަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މިހާތަނަށްވެސް އެ މަޤާމަށް ބޭފުޅަކު ޢައްޔަންކޮށްފައިނުވާތީ، ހެލްތު މިނިސްޓްރީއާއި، ސިވިލް ސާރވިސް ކޮމިޝަންގެ ކިބައިން އެކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްއެވެ.

ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިގެ ބައްދަލުވުމުގައި މެންބަރުން ވަނީ ހެލްތު މިނިސްޓްރީއާއި ސިވިލް ސާރވިސް ކޮމިޝަނުން މިކަންކަން ސާފުކުރުމަށްފަހު މިއްސަލާގައި އިތުރަށް ކުރިއަށްދިއުމަށެވެ. އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުނުކުރެވި ހަތަރު އަހަރު ފާއިތުވެގެން ދިޔަ ސަބަބެއް ސާފުކުރުމަށް ހެލްތު މިނިސްޓްރީއަށާއި، ސިވިލް ސާރވިސް ކޮމިޝަނަށް ސިޓީ ފޮނުވުމަށް ރޭ ވަނީ ނިންމާފައެވެ.

ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސްގެ ބައެއް ޒިންމާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން ހިމެނެއެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، ޢަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކޮށް އިޞްލާޙުކުރުންވެސް ހިމެނެއެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތިން ބެލުމާއި، ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަޙްޤީޤުކޮށް މިނިސްޓަރަށް ރިޕޯޓް ހުށަހެޅުމަކީވެސް ކޮމިޝަނަރުގެ ޒިިންމާއެކެވެ.