ޚަބަރު

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެމް.އޭ.ސީ.އެލުން ނެރެފައިވާ އިޢުލާނެއްގައި ބުނީ އެކުންފުނިންދޭ ތާވަލަކާ އެއްގޮތަށް މާލެއިން ހުޅުލެއަށް ގެނެސް، އަދި އަނބުރާ ގެންދިއުމަށް އަމިއްލަ ޚަރަދުގައި ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. ދުވާލެއްގެ މައްޗަށް ކޮޅަކަށް ގާތްގަނޑަކަށް 1600 މުވައްޒަފުން އުފުލަން ޖެހޭނެކަމަށް އެމް.އޭ.ސީ.އެލުން އަންދާޒާކުރެއެވެ. އެހެންކަމުން ބަހުގެ ޚިދުމަތްދޭ ފަރާތްތަކަކީ ބާރުބޮޑު ގަޑިތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން އުފުލޭވަރުގެ ގާބިލްކަން ހުރި ފަރާތްތަކަކަށް ވާންވާނެކަމަށް އެކުންފުނިން ބުނެއެވެ.

އެމް.އޭ.ސީ.އެލުން ބުނީ މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ފެށޭ ޖޫންމަހުގެ 3 ވަނަ ދުވަހުގެ ކުރިން ސިޓީ، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝަޢުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި ޝަޢުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީކޮށް، ބީލަން ފޮތް އީމެއިލް މެދުވެރިކޮށް އެފަރާތްތަކަށް ފޮނުވާނެކަމަށާއި، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫންމަހުގެ 14 ވަނަ ދުވަސްކަމަށް އެކުންފުނިން ބުނެފައިވެއެވެ. ބަހުގެ ޚިދުމަތްދޭނެ ފަރާތެއް ކަނޑައަޅާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބެލުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަލް އެއަރޕޯޓް ހިންގާ އެމް.އޭ.ސީ.އެލްގައި 3200 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. މުވައްޒަފުން ހުޅުލެއަށް ދިއުމަށާއި، އެނބުރި މާލެއަށް އައުމަށްޓަކާ އެންމެ ގިނައިން ބޭނުންކުރަނީ އެމް.ސީ.އެލްއަށް ޚާއްސަކޮށްފައިވާ ފެރީގެ ޚިދުމަތެވެ. ނަމަވެސް ސިނަމާލެ ބްރިޖު ހުޅުވާލިފަހުން ހުޅުލެއަށް ދިއުމަށްޓަކާ އަމިއްލަ ވެހިކަލް ބޭނުންކުރާ މުވައްޒަފުން މިހާރު ވަނީ އިތުރުވެފައެވެ.