ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1500އަށް އަރައިފި


ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1513 އަށް އަރައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިރޭ 22:00 އާހަމައަށް އިތުރު 56 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، ބަންގްލަދޭޝްގެ 35 މީހެއްގެ އިތުރުން އިންޑިއާގެ 3 މީހުންކަމަށެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެގޮތުން 984 ބިދޭސީން ރާއްޖޭގައި ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 529 މީހުންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަންގްލަދޭޝް މީހުންގެ އަދަދު މިހާރުވަނީ 785 އަށް އިތުރުވެފައެވެ. ބަލިޖެހުނު އިންޑިއާއަށް ނިސްބަތްވާ މީހުންގެ އަދަދަކީ 514 އެވެ.

1500 އަށްވުރެ ގިނަމީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަލޭގައި ކޯވިޑް-19 ފެތުރެންފެށުމާއެކު އިއުލާންކުރި ފުރަބަންދަށް މިއަދުން ފެށިގެންވަނީ ލުއިތަކެއްދީފައެވެ.

ފުރަބަންދަށް ލުއިދިންނަމަވެސް ހުރިހާ ފަރާތްތަކުންވެސް ސިއްޙީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާއިގުޅޭ ފަރާތްތަކުންވަނީ އިރުޝާދު ދެއްވާފައެވެ.