ޚަބަރު

ކޯވިޑް-19 : ލުއިދިން ފިޔަވޅުތަކާމެދު ކެބިނެޓުގައި މަޝްވަރާކޮށްފި


ކޯވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފޭސްގައި އެޗްޕީއޭއިން އަޅުއްވަން ނިންމަވައި، މިހާރު އިޢުލާނުކުރައްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންކަން ކުރައްވަމުންގެންދެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، އިތުރަށް ކުރައްވަންހުރި ކަންކަމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

ސަރުކާރުން ވަނީ މިހާތަނަށް އަޅަފައިވާ ފިޔަވަޅުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ގޭބީސީތަކުން އާންމުން ބޭރަށް ނުކުމެ އުޅޭ ވަގުތު އިތުރުކުރުމާއި، ބޭރަށް ނުކުމެވޭ ޢަދަދު އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުންވި ކުރުމުގައި ގެނެސްފައިވާ ލުއިތަކާއި، ބޭންކިންގެ ޚިދުމަތް ދެވޭނެ ގޮތްތަކާއި، ކެފޭ ރެސްޓޯރަންޓައި، ތެކްސީގެ ޚިދުމަތާއި އެނޫންވެސް ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއިތަކެއް ދީފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި ލުއި ދީފައިވާ ކަންކަމުން ނިކުންނަ ނަތީޖާތަކަށް ބަލައި ކުރިއަށް އޮތްތަނުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވެއެވެ.

މިހާތަނަށް އަޅަފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމެވީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓި ބަލި ފެތުރުން މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީކަަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.