ޚަބަރު

ކޯވިޑް-19 : ލުއިތަކަކާއެކު މާލެ ސަރަޙައްދު އިތުރު 2 ހަފްތާއަށް ފުރަބަންދުކޮށްފި


މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުމާއި އެއްގަމު އުނޅަނދުފަހަރު ދުއްވުމަށް ލުއި ތަކެއްދީ ފުރަ ބަންދުގެ މުއްދަތު އިތުރު 2 ހަފްތާއަށް ދަމަހައްޓައިފިއެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހުން ފެނުމާއެކު މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލެ ފަނީ ފުރަބަންދުކޮށްފައެވެ. އެމުއްދަތު ހަމަވީ މިއަދަށެވެ. އެހެން ނަމަވެސް ކޯވިޑް-19 ފެތުރުން މަދުކުރެވިފައިވާތީ މިއަދުފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުންވަނީ ލުއިތަކެއް ދެއްވާފައެވެ.

މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުތުމާއި އެއްގަމު އުޅަނގުފަހަރު ދުއްވުން މަނާކުރިކުރުމަށް ބަދަލުގެނެސް އިތުރު 2 ހަފްތާއަށް ފުރަބަންދު އިތުރުކުރިކަން އަންގައި ޑިރެކްޓަރ ޖެނަރަލް އޮފް ޕަލްބްލިކް ހެލްތު، ނެރުއްވި އެންގުމުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުން ހުއްޓައިލުމުގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން ވަނީ ހިމަނާފައެވެ.

އެހެެން ނަމަވެސް މީގެ ތެރެއިން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތްވަނީ 9 ކަމަކަށް ލުއިދިނުމަށް ނިންމަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ

  • ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން
  • ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު 3 ގަޑިއިރަކަށް ގެއިން ބޭރަށް ނުކުމެއުޅުން
  • މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
  • މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން
  • ހުއްދަ ލިބިގެން ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން
  • ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުން
  • ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ޚިދުމަތްތައް އިތުރުކުރުން
  • ޞިއްޙީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ދިނުން އިތުރުކުރުން

އަލަށް އިތުރުކުރި ފުރަ ބަންދުގެ މުއްދަތުގެ ތެރޭގައިވެސް ސިފައިންނާއި ފުލުހުން އަދި ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސްތަކުގެ އިތުރަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް އިސްތިސްނާ ވާނެއެވެ.

މިހާލަތުގައިވެސް ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުގެ ކަންކަން ހަމަޖެއްސުމާއި، އެންގުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ލުއިތަކާ، ގުޅިގެން ދޭންޖެހޭ ހުއްދަތައް ދޭނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ.

މިއާއެކު ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި
ފަރާތްތަކަށް އަންގައަދީ، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް
އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ޑިރކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތްވަނީ އެންމެހައި ފަރާތްތަކަށް އަންގަވާފައެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭ ހާލަތަށް ބަލައި މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ)
މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ދެވިފައިވާ
ލުއިތަކަށް ބަދަލު ގެނެވޭނެ ކަމަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.