ޖުލައިމަހު ގެސްޓްހައުސްތައް ހުޅުވާލަން ސިނާއަތުގެ %77 މީހުން ބޭނުންވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ގެސްޓްހައުސްތަކުން މިކަން ހާމަކޮށްފައިވަނީ ކޯވިޑް19 ގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ވަކިވަކި އަތޮޅުތަކަށް ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ 2 ބައްދަލުވުން މިހާރު ނިންމާލާފައިވާކަމަށެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ މާލެ އަދި ހުޅުމާލެ ނުލައި މާލެ އަތޮޅުގެ އެހެން ރަށްތަކަށެވެ. 2 ވަނަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އދ އަދި އއ އަތޮޅުގެ ރަށްތަކަށެވެ.
ރާއްޖެއަށް ފަތުރުވެރިން އައުމަށް އަލުން ހުޅުވާލާއިރު އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައި ރިސޯޓްތައް ހުޅުވާލާނެކަމަށް އަންދާޒާކޮށްފައިވަނީ ޖޫންމަހުއެވެ. އަދި ގެސްޓްހައުސްތައް ހުޅުވާލާނެކަމަށް އަންދާޒާކޮށްފައިވަނީ އޮގަސްޓްމަހުއެވެ.
ނާސިހް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މިކަމަށް ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކުގެ މެދުގައި ނެގި ވޯޓަކުން ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ތެރެއިން %77 ފަރާތުން ޖުލައިމަހުގެ ރިސޯޓްތައް ހުލުވާލުމަށް ހުއްދަދޭއިރު ގެސްޓްހައުސްތައްވެސް ހުޅުވާލުމަށް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކުރެވޭ ކަންކަން މިނިސްޓްރީތަކާއި ހިއްސާކުރަމުން އަންނަކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވެއެވެ. އަދި މީގެތެރެއިން ބަދަލުގެނެވެން ހުރި ކަންކަން މިނިސްޓްރީތަކުން ބަދަލުތައް ގެންނަމުން އަންނަކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ.
ސިލްސިލާކޮށް ފެށި މި ބައްދަލުވުންތަކުގެ ބޭނުމަކީ ކޯވިޑް19 ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށްފައިވުމުގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވާ ދަތިތައް ދެނެގަތުމާއި، އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.
މި ސިލްސިލާގެ 3 ވަނަ ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ބ. އަތޮޅުގެ ރަށްތަކަށެވެ. އަދި މާލެ ހުޅުމާލެ ސަރަހައްދަށް ވަކިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.