ކޯވިޑް-19 އާއި ގުޅިހެން ސްކޫލްތައް ބަންދުވިނަމަވެސް ކުދިންގެ ހުނަރު ތަރައްޤީކުރުމަށް ހަންޏާމީދޫ ސްކޫލުން މިވަގުތުގެ ބޭނުން ކުރަމުން އަންނަނީ ތަފާތު ގޮތަކަށެވެ. އެގޮތުން ކުދިންގެ ޢުމުރާއި ގުޅޭ އަދި ބެލެނިވެރިންގެ އެއްބާރުލުމާއިއެކު އެސްކޫލުން އަންނަނީ ކުދިންނާއެކި ޗެލެންޖުތައް ހަވާލުކޮށްގެން ފައިދާހުރި ގޮތެއްގައި ވަގުތުގެ ބޭނުން ހިފަމުންނެވެ.
ކީ ސްޓޭޖުގެ އެކި ކުލާސްތަކަށް އެކިކަންކަން ޙަވާލުކޮށް މިހާރު އޮތް ޙާލަތުގައިވެސް ވަގުތުގެ ބޭނުން ހިފުމަށް ހަންޏާމީދޫ ސްކޫލުންވަނީ މަސައްކަތްކޮށްފައެވެ. ހަންޏާމީދޫ ސްކޫލުން ވިދާޅުވީ އެސްކޫލުން މިދުވަސްވަރު ހިންގާ އެކި ޗެލެންޖުތަކުގެ މަގުސަދަކީ ދިރިއުޅުމުގެ މަރުޙަލާތަކުގައި ބޭނުންވާ މުހިއްމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ އެފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުންކަމަށެވެ. އަދި ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ސްކޫލް ދައުރުގައިވެސް އަދި ސްކޫލް ނިންމުމަށްފަހުވެސް އެހެން މީހުނަށް ބަރޯސާނުވެ އަމިއްލައަށް ކަންކަން ކުރުމަށް ހިތްވަރުދީ އެފަދަ ދިރިއުޅުމުގެ އާދައެއް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުންކަމަށް އެސްކޫލުން ވިދާޅުވެއެވެ.
އެގޮތުން ކީސްޓޭޖު 1 ގެ ދަރިވަރުންވަނީ ހެދުމުގައި ގޮށް ހަރުކުރުމާއި އަންނައުނު ފަތްޖެހުމަށް ދަސްކޮށްދޭ ޗެލެންޖެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކީ ސްޓޭޖު 2 ދެ ދަރިވަރުންނަށް ވަނީ ގޭގައި ކެއްކުމުގެ މަސައްކަތެއް ޙަވާލުކޮށްފައެވެ. މިމަސައްކަތުގެ ތެރެއިން ދަރިވަރުން ވަނީ ޢާއްމުކޮށް ގޭގައި ކެއުމަށް ތައްޔާރުކުރާ ހެދިކާގެ އެކި ބާވަތްތައް ގޭގައި އަމިއްލައަށް ތައްޔާރުކޮށްފައެވެ. ކީ ސްޓޭޖު 3 ގެ ދަރިވަރުންނަށް ސްކޫލުން ހަވާލުކޮށްފައި ވަނީ ބެލެނިވެރިންގެ އެހީތެރިކަމާއި އެކު ސްކޫލް ޔުނިފޯމް އިސްތިރިކުރުމުގެ ޗެލެންޖެވެ. ހަންޏާމީދޫ ސްކޫލުން ވިދާޅުވީ މިޙަރަކާތުގެ ސަބަބުން ޢަމަލީ މައިދާނުގައި އަމިއްލައަށް ކަންކަން ކުރުމަށްޓަކައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެގެންދިޔުމުގެ ސަބަބުން ކާމިޔާބު ދަރިންތަކެއް ބިނާވެގެންދާނެކަމަށެވެ.
ހަންޏަމީދޫ ސްކޫލުން ދަރިވަރުންނަށް ދަސްކޮށްދިން ގޮށް ހަރުކުރުމާއި ކެއްކުމާއި އިސްތިރިކުރުމަކީ ޢާއްމުގޮތެއްގައި މުޖުތަމަޢުގެ ތެރޭގައި އަންހެނުންނަށް ޚާއްސަ މަސައްކަތަކެއްގެ ގޮތުގައި ޤަބޫލުކުރެވިފައި ހުންނަ ކަންކަމެވެ. އެހެންނަމަވެސް މިއާދަ ބަދަލުކުރުމަށް އެސްކޫލްގެ އަންހެންކުދިންނާއެއްވަރަށް ހުރިހާ ސްޓޭޖެއްގެ ފިރިހެން ކުދިންވެސް ވަނީ ސްކޫލުންކުރިއަށް ގެންދިޔަ މިޙަރަކާތްތަކުގައި ބައިވެރިވެފައެވެ.
ކިޔެވުމުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އެކި ހުނަރު ސްކޫލްގައި ދަސްކޮށްދިނުމަކީ އެންމެ ކުރިއަރާފައިވަނީ ޖަޕާނުގެ އެޑިއުކޭޝަން ނިޒާމުގައިވެސް އޮންނަ ކަމެކެވެ. އެގޮތުން ސްކޫލް ގޯތިތެރެއާއި ކުލާސްތެރެއާއި ފާޚާނާތައް ސާފުކޮށް ބޭއްވުމުގައި ކިޔެވުމުގެ ސެޝަންތަކަށްފަހު ކުދިން ޢަމަލީ ގޮތުން ބައިވެރިކުރެއެވެ. މީގެ އިތުރުންވެސް އިތުރު ޙަރަކާތްތަކުގެ ތެރެއިންވެސް ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރުކުރުމުގެ މަސައްކަތް އެޤައުމުގެ ސްކޫލްތަކުގައި ކުރެއެވެ. މިކޮންސެޕްޓަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ފެންނަޖެހޭ ހެޔޮ ބަދަލެއްގެ ގޮތުގައި ޒަމާނުއްސުރެ ގިނަ ބަޔަކު ފާހަގަކުރެއެވެ.
ހަންޏާމީދޫ ސްކޫލްގެ ފަރާތުން ކުރިއަށް ގެންދިޔަ މިޙަރަކާތަކީ ދަރިވަރުންނަށް ރަނގަޅު ހެޔޮބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި މި ޕޯސްޓުތައް ޝެއާކުރި މީހުން ބުނެފައިވެއެވެ. މިދުވަސްވަރަކީ ސްކޫލްތަކުގައި ތިބެގެން ކިޔެވުމާއި އަދި ހުނަރު ތަރައްޤީ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ނަމަވެސް ބައެއް ސްކޫލްތަކުން އަންނަނީ މި ގޮންޖެހުންތަކުން އަރައިގަނެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުދިންނަށް އާކަންކަން ދަސްކޮށްދިނުމަށް އައު އުސޫލުތަކާއިއެކު މަސައްކަތްކުރަމުންނެވެ.