ވިޔަފާރި

މީރާއިން 570 ފަރާތެއްގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދީފި


މިއަހަރުގެ މިހާތަނަށް 570 ފަރާތެއްގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދީފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.

މީރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ލުއި ގޮތްތަކެއް ފަހިކޮށްދެމުން އަންނަކަމަށެވެ. އެގޮތުން ކޯވިޑް19 އާއި ގުޅިގެންނާއި މުޅި މިއަހަރުގެ ތެރޭގައި 570 ފަރާތެއްގެ ޖުރިމަނާ ފައިސާ އެ އޮޓޯރިޓީން މަޢާފްކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ،

"މިއަހަރު މިހާތަނަށް 570 ފަރާތަކަށް އަޅުގަނޑުމެން ޖޫރިމަނާ މައާފްކޮށްދީފައިވާނެ. ޓެކްސްތަކާއި ގުޅޭގޮތުން އަޅުގަނޑުމެން އެކުލަވާލާފައިވާ އުސޫލާއި ފެތޭ ހުރިހައި ފަރާތަކުން މީރާއަށް ފައިސާ ދައްކައިފިކަމަށްވެއްޖެއްޔާ ނޫނީ މީރާއަށް ފައިސާ ދައްކާނެގޮތަކާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިއްޖެކަމަށްވަންޏާ އަޅުގަނޑުމެން ޖޫރިމަނާ މައާފްކުރުމުގެ ކަންކަން އެބަ ކުރިއަށްގެންދަން." ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވިއެވެ.

ކޯވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކެއް ކުރިމަތިވަމުން އަންނާތީ އިންސްޓޯލްމަންޓް އުސޫލްގެ ދަށުންވެސް އެ އޮޓޯރިޓީއަށް ފައިސާ ދެއްކޭނެގޮތް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މިހާތަނަށް 74 ފަރާތަކަށް އިންސްޓޯލްމަންޓް އެއްބަސްވުންތައް ހަދާފައިވާނެ ކަމަށް މީރާއިން ވިދާޅުވެއެވެ.