ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ


ކައުންސިލަރުންގެ ދައުރު އަންނަމަހުގެ 3ވަނަ ދުވަހު ހަމަވާތީ އުފެދޭ ޤާނޫނީ ހުސްކަމާމެދު އިސްތިޝާރީ ލަފައެއް ހޯދަން ސުޕްރީމްކޯޓަށް ދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ނިންމުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޤާނޫނު އަސާސީއަށް އިސްލަހު ގެނައުމަށް ކުރެވޭ މަސައްކަތުގައި ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިމައްސަލާގައި އިސްތިޝާރީ ލަފައެއް ހޯދުމަށް ސްޕްރީމްކޯޓަށް ދިއުމަށް ހަނިމާދޫ ދައިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސް މަރުހަލާ މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޤަރާރު ހުށަހަޅުއްވަމުން ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށެވެ. ނަމަވެސް މިމައްސަލަޔަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށެވެ. އަދި މިކަމުގައި ޤާނޫނީ އެންމެ ފަހުބަސްބުނާ ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ޣަފޫރު ހުށަހެޅުއްވި ޤަރާރުގެ ބަހުސްގެ މަރުހަލާ މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިރޭ ބާއްވާ ޖަލްސާގައިވެސް މިބަހުސްގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޤާނޫނުއަސާސީގެ 95ވަނަ މާއްދާގައި އޮންނަނީ ޤާނޫނުގައި އޮންނަ ކަމަކާމެދު އުފެދޭ މުހިންމު ސުވާލުތަކާއި ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހުށަހެޅިދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާވެސް މަޖިލިސް ތަޅުމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުގައެވެ.