ޚަބަރު

ލުއި ދިނަސް ސްކޫލުތައް ނުހުޅުވާނެ އަދި އާންމު ދަތުރުފަތުރު ކުރުމަށްވެސް ހުއްދައެއް ނުދޭނެ


މާލެ ސަރަޙައްދު އިތުރު 2 ހަފްތާއަށް ފުރަބަންދުގައި ބޭއްވުމަށް ނިންމައި ގިނަ ލުއިތަކެއްދޭން ނިންމައިފިއެވެ.

މި ލުއިތަކުގެ ތަފްސީލް ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މާދަމާއިން ފެށިގެން ފުރަބަންދަށް ލުއި ދިނުމަށް ނިންމާފައިވާއިރު ހުއްދައާއި އެކު ގޭބިސީއަކުން ބޭރަށް ނުމެވޭ އަދާދާއި ވަގުތު އިތުރުކުރެވިގެންދާނެކަމަށެވެ. އަދި ލުއި ދިންނަމަވެސް އާންމު ދަތުރުފަތުރު ކުރުމަށް ހުޅުވާ ނުލުމަށް ނިންމާފައިވާކަމަށާއި މީގެ އިތުރުން މި ފިޔަވަހީގައި ސްކޫލުތައްވެސް ނުހުޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުރަބަންދަށް ލުއި ދޭ ފުރަތަމަ ހަފްތާގައި ގޭބިސީއަކުން ބޭރަށް ނުކުންނަ މީހުންގެ އަދަދު އިތުރުވުމާއި އެކު ނުކުމެވޭ ޒޯންތައްވެސް އިތުރުވެގެން ދާނެއެވެ. މީގެއިތުރުން ސުޕަރމާކެޓްތަކާއި ކަންމަތީ ފިހާރަތަކާއި ކުޑަކުދިންގެ އެއްޗެހި ވިއްކާ ތަންތަން ހުޅުވިގެންދާކެމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މި ނިންމުމާއި އެކު ޖޫން މަހުގެ 11ގެ ނިޔަލަށް މާލެ ސަރަހައްދު އޮންނާނީ މި ލުއިތަކާއެކު ފުރަބަންދުގައެވެ. މީ މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު އިތުރުކުރާ 5ވަނަ ފަހަރެވެ. ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފުރަބަންދުކުރުމަށް ފުރަތަމަ ނިންމީ މާލެއިން މިބަލީގެ މީހަކު ފެނުނު ދުވަހުއެވެ. އެއީ މިދިޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހެވެ. އެދުވަހު ފުރަތަމަ ފަހަރަށް މާލެ ސަރަހައްދު ފުރަ ބަންދުކުރީ 24 ގަޑިއިރަށެވެ. އަދި ޖެހިގެން އައި ދުވަހުވެސް އިތުރު ސައުވީސް ގަޑިއިރަށް މާލެ ފުރަބަންދުކުރުމަށްފަހު 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ފުރަބަންދުކުރީ އޭޕްރިލް މަހުގެ 17 ވަނަދުވަހުން ފެށިގެންނެވެ.

އެ މުއްދަތު ހަމަވުމާއެކު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު 14 ދުވަހަށް އަނެއްކާވެސް ފުރަބަންދުގެ މުއްދަތު އިތުރުކުރިއެވެ. 14 އިނެ ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް ކޮށްފައިވާ ފުރަބަންދުގެ މުއްދަތު މާދަމާ ހަމަވާއިރު އެމުއްދަތު މިހާރުވަނީ އަންނަ މަހުގެ 11އަށް އިތުރުކޮށްފައެވެ.

މާލެ ސަރަހައްދު ފުރަބަންދުގައި އޮންނަތާ މިއަދަށް މީ 43 ވަނަ ދުވަހެވެ. އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ ޙާލަތަށް ރިއާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފެންނަ ހާލަތުގައި މާލޭ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުމަށް ބަދަލު ގެނެސް ގިނަ ލުއިތަކެއް ދޭން ނިންމާފައިވާކަމަށެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން އޮންނަ މިންވަރަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެން، ލުއިތައް ދިނުމަށް ނިންމާފާއިވާއިރު، މިފަހަރުދޭ ލުއިތަކުގެ ތެރޭގައި އެއްފަހަރާ ކޮންމެ ގެއަކުންވެސް 3 މީހަކަށް ބޭރަށް ނުކުމެވޭ ގޮތްވަނީ ހަދާފައެވެ. އަދި މި ހުއްދައިގެން ދަށުން މާލޭގެ ކޮންމެ ސަރަހައްދެއްގައިވެސް އުޅުމުގެ ފުރުސަތު 2 ގަޑިއިރަށް ދިނުމަށް ވަނީ ނިންމާފައެވެ. ބޭރަށް ނިކުމުގެ އުޅުމުގައި ނަގާ ހުއްދަ ހޯދުމަށްވެސް ބަދަލު ގެނެސް ލުއިގޮތަކަށް ހުއްދަ ނެގޭނެ ގޮތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. ކުރިން ދީފައިވާ ހުއްދައިގެ ދަށުން ނިކުމެ އުޅުވޭނީ ހުއްދަ ދޫކުރެވޭ ވަކި ޒޯނެއްގައި 1 ގަޑިއިރަށެވެ.

މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑީ ގޭބިސީތަކަށްކަމަށް ސިއްހީ މާހިރުން ވިިދާޅުވެއެވެ. މިގޮތުން ގިނަ ޢަދަދެއްގެ މީހުން ތޮއްޖެހިގެން އުޅުނު ތަންތަނުގައި މި ބަލި ފެތުރުމަށްފަހު ދެން މި ބަލި ފެތުރިގެން ދާނީ ގޭބިސީތަކުގައިކަމަށާއި އެކަމަށް ރައްކާތެރިވުމަށް ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އަދި މިހާރު ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު މަސައްކަތްކުރައްވާ ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު

  • 12 މާޗް 2020ގައި ( 30 ދުވަހަށް )
  • 10 އޭޕްރީލް 2020ގައި ( އޭޕްރީލް މަހުގެ ނިޔަލަށް )
  • 30 އޭޕްރީލް 2020 ގައި ( މެއި މަހުގެ ނިޔަލަށް )

މާލެ ސަރަހައްދު ފުރަބަންދުކުރުން

  • 15 އޭޕްރީލް 2020 ގައި ( 24 ގަޑިއިރަށް )
  • 16 އޭޕްރިލަ 2020 ގައި ( 24 ގަޑިއިރަށް )
  • 17 އޭޕްރީލް 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
  • 28 އޭޕްރީލް 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
  • 14 މެއި 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
  • 28 މެއި 2020 ގައި ( 14 ދުވަހުގެ މުއްދަތަށް)

ހަރުދަނާ ފިޔަވަޅުތަކެއް ނެތި ލޮކްޑައުން ލުއިކޮށްފިނަމަ ދެވަނަ ޕީކެއް އަންނާނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާކޮށްފައިވުމުން، ރާއްޖެއިން ފުރަބަންދު ލުއިކުރަނީ ރައްޔިތުންނަށް ނުރައްކާ އެންމެ ކުޑަވާނެ ޙާލަތަށް ބަލައިގެންކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ފުރަބަންދު އުވާލި ބައެއް ޤައުމުތަކުން ބަލި އަނެއްކާ ފެނި އަލުން ފުރަބަންދަށް ގޮސްފައިވަނީ، ހަރުދަނާ ފިޔަވަޅުތަކެއް ނެތި ފުރަބަންދުގެ ޙާލަތު މާއަވަހަށް ލުއިކުރުމުގެ ސަބަބުންކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

ރާއްޖެއިން މި ދަނޑިވަޅުގައި ފުރަބަންދަށް ލުއި ދިނުމަށް ނިންމާފައިވަނީ ރާއްޖެއިން އާންމު ޙާލަތަކަށް ދިއުމަށް އެންމެ އެކަށޭނަ މަގުކަމަށް ފެންނާތީކަމަށް ޓެގްޓީމުންވެސް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރެވުނު މަސައްކަތުން މިހާރު ފެންނަނީ މިބަލީގެ ބޭސްލައިންގައި ފެންނާނެވަރުގެ ކޭސްތަކުގެ އަދަދުތައްކަމަށް ބެލެވޭކަމަށްވެސް އެޓީމުންވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް މިހަތަނަށްވެސް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ކުޅިވަރު ކުޅެވޭނެ ހުއްދަ ވަނީ ދެއްވާފައެވެ. އަދި މިނޫންވެސް ގިނަ ހުއްދަތަކެއް އެރަށްތަކުގައި ވަނީ ދެއްވާފައެވެ.