ވިޔަފާރި

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް 866.9 މިލިއަން ރުފިޔާ ޚަރަދުކޮށްފި


ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް 866.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން، މިމަހުގެ 21ގެ ނިޔަލަށް ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ސަރުކާރުން މިދިޔަ ހަފްތާގައި ބޭހާއި، ޓެސްޓް ކިޓު އަދި ޕީޕީއީ ގަތުމަށް ހޭދަކޮށްފައިވާ މިންވަރުވަނީ ކުރީ ހަފްތާއާއި އަޅާ ބަލާއިރު، 7.1 މިލިއަން ރުފިޔާ އިތުރުވެފައެވެ.

މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތް ތަކަށް 567.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 139.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޯވިޑް-19 އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިންގާފައިވާ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 435.3 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 169.5 މިލިއަން ރުފިޔާ ޚަރަދުށްފައެވެ.

ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ.