ދުނިޔެ

ބައްޝާރުގެ ދެބޭންގެ ދެދަރި ބޭފުޅަކު ހައްޔަރުކޮށްފި


ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާ ދެބޭންގެ ދެދަރި ބޭފުޅެއް ކަމަށްވާ ސުލައިމާން ހިލާލުލް އަސަދު، އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ސުލައިމާން ހައްޔަރުކުރީ އޭނާ ސޫރިޔާ ސިފައިންގެ އިސް އޮފްސަރެއްގެ ގަޔަށް ގަސްދުގައި ބަޑިޖަހާ އަވަހާރަކޮށްލުމުގެ ކުށުގައެވެ.ސޫރިޔާގައި ވެރިކަންކުރާ އާލުލްއަސަދުގެ އާއިލާގެ މެންބަރުންނަކީ އެގައުމުގެ އާންމު ރައްޔިތުންނާމެދު އިހަނާތްތެރިކޮށް އަމަލުކުރާ އަދި ގާނޫނަށްވުރެ މަތީގައި އުޅޭބައެއްކަމަށް އަބަދުވެސް ތުހުމަތު ކުރެވޭބައެކެވެ. ރައީސް ބައްޝާރުލްއަސަދުގެ ބޮޑުބޭބެގެ ދަރިކަލުން ސުލައިމާން، އެގައުމުގެ ވައިގެ ސިފައިންގެ އޮފްސަރެއްކަމަށްވާ ކާނަލް ހައްސާން އައްޝައިޚްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލުމުގެ ޖަރީމާއަކީވެސް މިފަދަ ޙާދިސާއެކެވެ.ސުލައިމާން މިޖަރީމާ ހިންގާފައިވަނީ ވެރިރަށް ދިމިޝްގުގެ މަގެއްގައި އޭނާ ކާރުގައި ދަތުރުކުރައްވަނިކޮށް އެކާރުގެ މައްޗަށް ކާނަލް ހައްސާންގެ ކާރު އެރުމާއެކު ވަރަށް ބޮޑަށް ކޯފާވެގެންނެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ ރޮއިޓާސް ބުނާގޮތުން ސުލައިމާނުލްއަސަދުގެ ކާރުގެ ކުރިމައްޗަށް ކާނަލް ހައްސާންގެ ކާރުއެރުމާއެކު ސުލައިމާން ބަޑިނަންގަވައި ކާނަލް ހައްސާގެ ބޮލަށާއި މެޔަށް ބަޑިޖަހައި ވަގުތުން އޭނާ އަވަހާރަކޮށްލިކަމަށެވެ. ކާނަލް ހައްސާންގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލިއިރު އޭނާގެ ކާރުގައި އަނބިކަނބަލުންނާއި ދަރިންވެސް ތިއްބެވިއެވެ.ކާނަލް ހައްސާން އަކީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސޫރިޔާ ސިފައިންގެ އިސް އޮފްސަރަކަށްވާއިރު މިފަދަ އިހާނާތްތެރި ގޮތަށް ދިމިޝްގުގެ މަގެއްގެ މަތީގައި އެންމެންގެ ކުރިމަތީގައި އޭނާ އަވަހާރަކޮށްލުމަކީ ބައްޝާރަށް ތާއީދުކުރާ އަދި އޭނާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ސޫރިޔާގެ އަލަވީ ދަރިކޮޅުގެ މީހުންނަށްވެސް ގަބޫލުކުރެވޭ ކަމެއްނޫނެވެ.އެހެންކަމުން މިދިޔަ ހަފްތާގައި ހިނގައިދިޔަ މިޖަރީމާއަށްފަހު ބައްޝާރަށް ތާއީދުކުރާ ސޫރިޔާގެ އާންމުންވަނީ ދިމިޝްގުގެ މަގުތަކަށް ނުކުމެ ބައްޝާރުގެ ބޮޑުބޭބެގެ ދަރިކަލުން ސުލައިމާނުލްއަސަދަކި ގާތިލެއްކަމަށް ސިފަކޮށް އޭނާއަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި އިޙްތިޖާޖް ކުރަންފަށާފައެވެ.ބައްޝާރަށް ތާއީދުކުރާމީހުން މިގޮތަށް މުޒާހަރާ ކުރުމަކީ ސޫރިޔާގައި ވަރަށް ނާދިރުކަމެކެވެ. ނަމަވެސް މުޒާހަރާކުރާމީހުންސުލައިމާނުލްއަސަދު ހިންގި ޖަރީމާ ކުށްވެރިކޮށް އޭނާއަށް މަރުގެ އަދަބު ދިނުމަށް ގޮވާލިއިރު ރައީސް ބައްޝާރަށް ތާއީދުކުރާކަމާއިބައްޝާރުގެ ވެރިކަން ދިފާއުކުރުމުގައި ޖާނާއި މާލު ގުރްބާންކުރުމުގައި ދެމިތިބޭނެކަންވެސްކަށަވަރުކޮށްދީފައެވެ.މިމުޒާހަރާތަކަށް ދެތިން ދުވަސްވީފަހުން ރޭގެ ވަގުތެއްގައި ސޫރިޔާގެ ފުލުހުން މިވަނީ ސުލައިމާނުލްއަސަދުހިފައި ހައްޔަރުކޮށްފައެވެ. ސޫރިޔާގެ މީޑިޔާ ބުނާގޮތުން ސުލައިމާންވަނީ ދިމިޝްގުގައިވާ ޖަލަކަށް ގެންގޮސް އެތާނގައި ހައްޔަރުކޮށްފައެވެ.ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ޙަމަލާތަކާ ދެކޮޅަށް ބައްޝާރުގެ ވެރިކަމާއި އޭނާގެ އާއިލާ ދިފާއުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި އުޅޭބަޔަކީ ސޫރިޔާގެ ސިފައިންނާއި ބައްޝާރު ނިސްބަތްވެ ވަޑައިގަންނަވާ ސޫރިޔާގެ އަލަވީ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން ސުލައިމާނުލްއަސަދު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށް ނިންމީ އޭނާ ހިންގި ޖަރީމާއާ ގުޅިގެން ސޫރިޔާ ސިފައިންގެ ތެރޭގައި ގަޑުބަޑެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުންކަމަށްވަނީ ބެލެވިފައެވެ.ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރައީސް ބައްޝާރާއި އޭނާގެ އާއިލާގެ އިތުރުން އޭނާއަށް ތާއީދުކުރާ އަލަވީ ދަރިކޮޅުގެ މީހުންވެސްވަނީ ވަރަށް އެކަހެރިވެ ބަލިކަށިވެފައެވެ. އެހެންކަމުން މިފަދަ މައްސަލައަކާ ގުޅިގެން ސޫރިޔާ ސިފައިންގެ ތެރޭގައާއި އަލަވީންގެ ތެރޭގައި ބައްޝާރުގެ ވެރިކަމާދެކޮޅަށް ނުރުހުމެއް އުފެދުމުގެ ފުރްސަތު ނުދިނުމަކީ ބައްޝާރުގެ ސަރުކާރުން ސުލައިމާނުލްއަސަދު ހައްޔަރުކުރުމުގެ މައިގަނޑު ސަބަބުކަމަށް މުރާސިލުން ބުނެއެވެ.