އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނަށް ރާއްޖޭގައި ތިބެގެން ބޭރުގެ ޑޮކްޓަރުންނަށް ދެއްކޭނެ ޚިދުމަތް ނުވަތަ ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް އާސަންދައާއި ހުޅުމާލޭ ހޮސްޕިޓަލާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ފަށައިފިއެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް ކޯވިޑް-19ގެ ސަބަބުން މިހާރު އޮތް ޙާލަތުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވެންނެތް މީހުންނަށް ބައްޔާއި ގުޅޭ ބޭރުގެ ޚާއްޞަ ޑޮކްޓަރުންނަށް ދައްކާ ޑޮކްޓަރުންގެ ލަފާގެމަތިން ބޭސްފަރުވާގެ ކަންކަން ރާއްޖޭގައި ތިބެގެން ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ދަތުރުކުރުމުގައި މިހާރު އޮތް ޙާލަތު ބަދަލުވަންދެން މިޚިދުމަތްކުރިއަށް ގެންދިޔުމަށްވެސްވަނީ ނިންމާފައެވެ.
އާސަންދައިން ވިދާޅުވީ މިޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި އެކަމަށްޓަކައި ޤާއިމުކޮށްފައިވާ ޚާއްސަ އިންތިޒާމުގެ ތެރެއިން ހަފްތާއަކު 5 ދުވަހު ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ލިބޭނެކަމަށެވެ.
މިއިންތިޒާމުގެތެރެއިން ކުޑަކުދިންގެ ޚާއްސަ ބަލިތަކާއި ހިތުގެ ފަރުވާއާއި ޓިއުމަރުގެ ފަރުވާއާއި ބޮލާއި ކަރުގެ ސަރޖަރީއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތައް ފަދަ ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯދަންޖެހޭ ބަލިތަކަށް ޚާއްސަ ޑޮކްޓަރުނަށް ދެއްކޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. އަދި މިއީ އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހޭ ފަރުވާތަކެއްކަމުން މިފަރުވާގެ ޚަރަދު އާސަންދައިން ހަމަޖެހޭނެކަމަށްވެސް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދަތުރުކުރުމަށް މިހާރު އޮތް ގޮންޖެހުމުގެ ސަބަބުން ބޮޑެތި ބަލިތަކަށާއި ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަޢާރަފްކުރި މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ. އެގޮތުން މިހާރު ހަމައެކަނި ހުޅުމާލޭގައި މިޚިދުމަތް ލިބެން ހުރިނަމަވެސް ކުރިއަށް އޮތްތަނުގައި އާސަންދަ ލިބޭ އިންޑިއާގެ އިތުރު ހޮސްޕިޓަލުތަކާއި ގުޅިގެން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ދޭތަންތަނަށްވެސް ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ.