ވިޔަފާރި

މިޙާލަތުގައި ޝިޕިންގލައިން މުހިއްމު ދައުރެއް އަދާކުރޭ- އަމްރު


މިޙާލަތުގައި ރާއްޖެއަށް ބޭނުންވާ ތަކެތި ގެނައުމުގައި ޤައުމީ ޝިޕިންގލައިންއިން މުހިއްމު ދައުރެއް އަދާކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ކޯވިޑްގެ ޙާއްސަ ޙާލަތުގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި އެހެނިހެން ޒަރޫރީ މުދާ ގެނައުމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިން، އެމްއެސްއެސްގެ ދަށުން އޮޕަރޭޓްކުރާ އާގު ބޯޓު، އެމްވީ އައިބީރިއަން އެކްސްޕްރެސް މުހިއްމު ދައުރެއް އަދާކުރިކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ދުވަހަށް، ބޭނުންވާ ސާމާނު، ލަސްނުވެ ގެންނަމުންދާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

"މިދަނޑިވަޅުގައި ބޭރުން ގެންނަން ބޭނުންވާ ކާޑާ، ބޭހާއި ސިހްހީ ސާމާނާއި އެހެނިހެން ތަކެތި ގެނައުމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ބޮޑު ދައުރެއް އަދާކުރި. އެސްޓީއޯއިން ޝިޕިންގލައިނެއް ފެށުމުގެ ފައިދާ ދަނީ ފެންނަމުން" މިދިޔަމަހު ޚިދުމަތް ފެށި ޝިޕިންގލައިންގެ ކާމިޔާބީ ފާހަގަކުރައްވަމުން އަމްރު ޓްވިޓަރގައި ވިދާޅުވެފައިވެއެވެ.

އަމްރު ވިދާޅުވީ ކޯވިޑްގެ ޙާލަތުގެ ކުރިންވެސް އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ ފެނިފައިވާކަމަށެވެ. އެގޮތުން ރޯދަމަހު ރަށްރަށަށް ގިނައިން ކާޑު ފޮނުވަންޖެހޭއިރު، މިފަހަރު ކޯވިޑްގެ ހާލަތުވެސް ރޯދަމަހާ ދިމާވުމުން ކާޑު ފޮނުވަންޖެހުނު މިންވަރު ވަރަށް ބޮޑަށް އިތުރުވިކަމަށެވެ. އެގޮތުން 70 ހާސް ބަސްތާގެ ކާޑު ރަށްރަށަށް ފޯރުކޮށްދީފައިވާކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް އެމަސައްކަތް ފަސޭހަވީ، ދުރާލާ ވިސްނައިގެން އިތުރު ގުދަން ހަދާ، އާއްމުކޮށް ގެންނަ ވަރަށްވުރެ އިތުރަށް ކާޑު ގެނެސްފައި ހުރުމުންކަމަށް އަމްރު ވިދާޅުވިއެވެ.
މީގެއިތުރުން އާއްމުކޮށް ރާއްޖެއަށް ބޭސް ގެންނަވަރަށްވުރެ އިތުރަށް ބޭސް ގެނެސްފައި ހުރުމުން އެކަމުގައިވެސް ދައްޗެއް ކުރިމަތިވެފައިނުވާކަމަށެވެ. އަދި މިއީ އެސްޓީއޯއިން ދުރާލާ އެޅި ފިޔަވަޅުތަކެއްގެ ނަތީޖާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.