ޚަބަރު

ސިޓީން ހޯދާފައިވާ ތަށިތައް އަތުލުމުގެ ވިސްނުމެއް ޕްރިމިއަރ ލީގުގައެއް ނެތް: މީޑިއާ


  • ސިޓީ އާއި ދެކޮޅަށް އަލާ ފިޔަވަލު ތަކުގެ ސަބަބުން އެހެން ދޮރުތަކެއް ހުޅުވުމުގެ ބުރު އެބައޮތް

އިންގްލިޝް ޕްރިމިއަރ ލީގުން ފަހުގެ ތާރީހްގައި އެލީގުގެ އެންމެ ކާމިޔާބު ކްލަބާއި ދެކޮޅަށް އުފުލާފައިޥާ ސަތޭކައަށް ވުރެ ގިނަ ދައުވާ ތަކަޢި ގުޅިގެން އެންމެ ގިނަ ބަޔަކު ދައްކާ އެއް ވާހަކައަކީ ސިޓީއިން ހޯދާފައިވާ ކާމިޔާބީ ތަކަށް ނުވަތަ ތަށިތަކަށް ވެގެންދާނީ ކިހިނެތްތޯ މިސުވާލެވެ.

ޕްރިމިއަރ ލީގުން ދައުވާ އުފުލާ މުއްދަތު ކަމަށްވާ 2009 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ސިޓީއިން ވަނީ އަށް ތަށި ކާމިޔާބު ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކަ ތަކަށް ބަލާއިރު އެސަޕޯޓަރުން އެންެމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ ސިޓީއިން ހޯދާފައިވާ އެ ކާމިޔާބީ ތަކަށް ވެގެންދާނީ ކިހިނެތްތޯ ބެލުމަށެވެ.

ނަމަވެސް އިނގިރޭސި މީޑިއާތަކުން ހަބަރު ދޭގޮތުގައި ސިޓީއިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް އެކްލަބު އަތުން އަތުލުމުގެ މާބޮޑު ވިސްނުމެތް ޕްރިމިއަރ ލީގުގެ ތެރެއަކު ނެތެވެ. މީގެތެރޭގައި ލީގުގެ ހިންގުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅުންގެ އިތުރުން ލީގުގައި ވާދަކުރާ އެހެން ކްލަބްތައްވެސް ހިމެނެއެވެ. ނަމަވެސް ސުވާލަކީ އެވަރުން މިކަން ފަރުޖައްސާލެވެން އެބައޮއްތޯއެވެ. ޖަވާބަކީ ނޫނެކެވެ.

މިހާހިސާބުން މިކަން ނިންމާލެވެން ނެތް އެއް ސަބަބަކީ މިކަމުގައި ސިޓީއަށް ދޭނެ އަދަބު ކަނޑައަޅާ ފަރާތަަކަށް ވެގެންދާނީ މިކަން ތަހްގީގު ކުރުމަށް އެކުލަވާލި މިނިވަން ކޮމިޝަނަށްވުމެވެ. އެކޮމިޝަނުން އަޅާނެ ފިޔަވަޅު ތަކާ ގުޅޭގޮތުން މިހާތަނަށް އަޑުއެހުމެތް ބާއްވާފައެއް ނުވެއެވެ. އެހެން ކަމުން ތަށިތައް އަތުލުން މިއީ ކޮށްފާނެކަމެއް ކަމަށް ބެލެވުނު ކަމުގައިވީ ނަމަވެސް އެއަށް ވުރެ ބޮޑަށް އެޅުން ގާތް ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ ޕޮއިންޓް އުނިކުރުމާއި ބޮޑު ޖޫރިނާއެއް ކުރުން ނުވަތަ ޕްރިމިއަރ ލީގުން ސިޓީ ބޭރު ކުރުމެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ 2018 ވަނަ އަހަރު ސިޓީއިން ކާމިޔާބު ކުރި ތަށި ޔުނައިޓެޑަށް ލިބި އޭނާއަށް ކްލަބުން ދޭންޖެހޭ ބޯނަސް ލިބި ޗެމްޕިއަން ޓީމަށްދޭ މެޑަލް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ސަމާސާ ކޮށްފައެވެ. 2018 ވަނަ އަހަރު 19 ޕޮއިންޓްގެ ތަފާތުން ޔުނައިޓެޑް ދިޔައީ ދެވަނަ އަށެވެ.

ސިޓީއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ އެކްލަބާއި ދެކޮޅަށް އުފުލާފައިޥާ ދައުވާތަކަށް އިންކާރުކޮށް އެކްލަބުން ގޯސްކޮށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ބުނަމުންނެވެ. ސިޓީގެ މިހާރުގެ ޖަވާބަކީވެސް އެއީއެވެ. ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް މިނިވަން ކޮމިޝަނުން ނިންމައިފިނަމަ ވޭތުވެދިޔަ ތާނގާ ސިޓީއިން ހޯދާފައިވާ ކާމިޔާބީ ތައް ހޯދާފައިވަނީ، ގަވައިދާ ހިލާފަށް ހޯދާފައިވާ މަންފާތަކެއްގެ އަލީގައިކަމަށް ބުނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނާ ފަރާތްތައް ގިނައެވެ. އަދި އެގޮތަށް ނިންމާ ސިޓީ އިން އެމުއްދަތުގެ ތެރޭގައި ކާމިޔާބު ކޮށްފައިވާ ލީގު ތަކުގެ އިތުރުން އެހެން މުބާރާތްތަކުގައި ދެވަނައަށް ދިޔަ ޓީމުތަކަށް ލީގާއި މުބާރާތްތައް ކާމިޔާބުވިކަމަށް ނިންމުން މިއީ ނިމުމެއް ނެތް އިތުރު ކަންތައްތަކެއް އެކަމުގެ ސަބަބުން ހުޅުވިގެންދާނެ ކަމެކެވެ. މިއަހަރު ތަކުގެ ތަށިތައް އަތުލަފާނެތޯ މިއީ ވަރަށް ގަދައަށް ބަހުސް ކުރެވެމުން އަންނަ ކަމެކެވެ. އަދި މިއީ އިތުރު ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

މިސާލަކަށް ބުނާކަމަށްވާނަމަ ސިޓީގެ މައްޗަށް އެގޮތަށް ނިންމާ ތަށިތައް އަތުލައިފި ނަމަ ޗެލްސީއިން 2011 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ހޯދާފައިވާ ތަށިތަކަށް ވެގެންދާނީ ކިހިނެތްތޯ މިއީ އުފައްދަން ފަށާފައިވާ ސުވާލެކެވެ. ޗެލްސީގެ މިހާރުގެ ވެރިން ވަނީ އެކްލަބްގައި ކުރިން މިދެންނެވި މުއްދަތުގެ ތެރޭގައި ޓްރާންސްފަރ ތައް ކުރުމުގައި އެޖެންޓުންނަށް ސިއްރުން ފައިސާ ތަކެއް ދެމުންދިޔަކަން ހާމަވެފައިވާކަމަށް އެއްބަސްވެފައެވެ.

މިއަށްވުރެ ބޮޑަށް އުފެދޭ ސުވާލަކީ މިކަންކަން ކޮށްފައިވަނީ ސިޓީ އާއި ޗެލްސީ އެކަނިތޯއެވެ. އެހެން ކްލަބްތަކުން މިފަދަ ކަންތައްތައް ނުކުރަނީބާވައެވެ. ސިޓީގެ ކަންތައް ފަޅާއެރީ ގަވައިދާ ހިލާފަށް ހެކަރަކު އެކްލަބްގެ އިސްވެރިން ތަކެއްގެ މެއިލް ހެކް ކުުރުމުންނެވެ. އަދި ޗެލްސީގެ މައްސަލަ އެނގިގެންދިޔައީ މިހާރުގެ ވެރިން ބެލިބެލުން ތަކެއްގެ ސަބަބުންނެވެ. މިއިން އެއްވެސް ކަމަކީ ޕްރިމިއަރ ލީގަށް ނުވަތަ އެކަން ބެލުމުގެ ޒިންމާ އެޅިފައިޥާ ފަރާތްތަކަށް ހޯދިފަވާ ކަންތައްތަކެއް ނޫންކަމެވެ. އެހެން ކަމުން މިފަދަ ކަންތައްތައް އެހެން ކްލަބްތަކުން ކުރަމުންދެއޭ ނުވަތަ ނޫނެކޭ ބުނުމުގެ ބަދަލުގައި މިވަގުތު ބުނެވެތް އޮތީ މިހާތަނަށް ފަޅާއަރާފައިވަނީ މިދެކްލަބްގެ ކަންތައްތައް ކަމުގައި ބުނުން މާރަނޅުވާނެއެވެ. އަދި ސިޓިއިން ގަވައިދާ ހިލާފުވެފައިވާނަމަ އެކަމުގެ ސަބަބުން އެޓީމުގެ ކުޅުމަށް މަންފާކޮށްފައިވަނީ ކިހާވަރަކަށްތޯ ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އަދި މިދައުވާތައް ސާބިތުވެ ސިޓީއާއި ދެކޮޅަށް ފިޔަވަލު އަޅައިފި ނަމަ އިގިރޭސިވިލާތާއި އެކުވެރި އަރަބި އިމާރާތުގެ ދެމެދުގައިވާ ސިޔާސީ ގުޅުންވެސް ހީނަރުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. އަދި ސިޓީގެ ކުރީގެ ތަރި ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުނީ އޭނާ އާއި އޭނާ އާއެކު ސިޓީގައި ހަރަކާތްތެރިވި ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތައް އަތުލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ .އެކަމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ. އެއީ އެކުޅުންތެރިން ބުރަމަސައްތުން ހޯދާފައިވާ ކާމިޔާބީ ތަކެއްގެ ގޮތުގައި ރޮޑްރީ ސިފަކުރިއެވެ.