ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ފޮނުވާލާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރަމުންދިޔަ އެއް ހާހަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ޤައުމަށް ވަނީ ފޮނުވާލާފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބިދޭސީންނަކީ ބަލިމަޑުކަމުގައި ނުރައްކާބޮޑު އެއް އާބާދީކަމަށްވާތީ އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ.
ބިދޭސީން ދިިރިއުޅޭ ތަންތަނަކީ ކުދިތަންތަންކޮޅުކަމުން ކޯވިޑް-19ފަދަ ގައިގަޔަށް އަރާ ބައްޔެއް ފެތުރިދާނެކަމަށް ބަލައި މިވަގުތުވެސް 33 ތަނެއް ކޮންޓެއިންމެންޓް ސައިޓްތައްކަމަށް ބަލާ ވަދެ ނިކުތުން މަނާކޮށް ގާތުން ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެމްއާރްސީގެ ހޮޓްލައިންއަށް ގުޅައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަގުތުވެސް އެކި ބަހުރުވަދަންނަ ފަރާތްތައް ހަރަކާތެރިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ބިދޭސީންނަށް ޚާއްސަ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތައް ޤާއިމުކޮށްފައިވާއިރު އެ ތަންތަނުގައިވެސް ބިދޭސީންގެ ޙާލު ގާތުން ބަދަމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ގިނަ އަދަދަކަށް ވާކް ޕާމިޓް ނެތް މީހުން އުޅޭއިރު، މި މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ފަހު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު މިގޮތައް ފާހަގަކުރެވިފައިވާ 1500 އެއްހާ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށާ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ވާކް ވިސާއާއި ނުލާ މަސައްކަތް ކުރާކަން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ބަންގްލަދޭޝް ރައްޔިތުންކަމުން މި އިންތިޒާމުގެ ދަށުން އެންމެ ފުރަތަމަ އިސްކަން ދެނީ އެ ޤައުމުގެ ރައްޔިތުން ފޮނުވާލުމަށްކަމަށެވެ. އެގޮތުން މިހާރު ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން މިފަދަ މީހުން ފޮނުވާލުމަށް ފަސޭހަ އިންތިޒާމެއް ޤާއިމުކުރެވިފައިވާއިރު، ކުރިމގުގައި މިފަދަ އިންތިޒާމްތައް އެހެން ޤައުމުތަކާއިއެކު މަޝްވަރާކޮށްގެން ސަރުކާރުން ހަމަޖައްސާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ސަރުކާރުން ވަނީ ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަލުން ރަޖިސްޓަރ ކުރުމަށްޓަކައި ޚާއްޞަ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމެއްވެސް ހިންގާފައެވެ. އެގޮތުން މިފުރުސަތުގެ ދަށުން 31000 ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.