ޚަބަރު

އިންތިޒާމުތަކަށް ބަދަލުގެނެސް މާދަމާ މަޖިލީހުގެ ޖަލްސާ ތަޅުމުގައި


ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތުޒާމުތައް ހަމަޖައްސައި މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބާއްވަން ނިންމަވައިފިއެވެ.

މާދަމާގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވަން ނިންމައި މަޖިލީހުންވަނީ މެމްބަރުން ޖަލްސާގައި ތިއްބެވުމުގައިވެސް ވަކި އިންތިޒާމުތަކެއް ހަމަޖައްސާވާފައެވެ. މިއާއެކު މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުންނެވެ. އެމެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓަކްޝަން އެޖެންސީން އަންގަވާފައިވާ ދުރުމިނުގައެވެ. އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް އިންތިޒާމުތަކަށް ބަދަލު ގެނެސްފައިވެއެވެ.

ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މާލަމުން ނިކުމެވަޑައިގަންނަވަން ޖެހޭގޮތަށްވަނީ އިންތިޒާމުކޮށްފައެވެ. އެގޮތުން އެއްބައި މެމްބަރުން ނިމިވަޑައިގަތުމުން އަނެއްބައި މެމްބަރުން މާލަމަށް ވަދެވަޑައިގަންނަނަވާނެއެވެ.

ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބެވައި، މެންބަރުންނާއި މުވައްޒަފުން މާސްކް އަޅުއްވައިގެން ތިއްބެވުމަށް ވަނީ ނިންމަވާފައެވެ. އަދި މިއިންތިޒާމުތައް ތަންފީޒު ކުރުމުގައި މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސް ކުރިއަށްގެންދެވަން ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށްވެސް މުހިންމު މަސައްކަތްތަކެއް ވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން ޤާނޫނު އަސާސީއަށް 5ވަނަ އިސްލާހު ގެނަމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ޤާނޫނުގެ ފަންނުގެ ޤާނޫނުގެ ބިލަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ތަޤާރަފް ކުރުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.