ޚަބަރު

ކޯވިޑް-19 : ސާމްޕަލް ނަގާ އަދަދު އިތުރުކޮށްފި، އިއްޔެ އެކަނިވެސް 700 ސާމްޕަލް ނަގައިފި


ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ނަގާ ސާމްޕަލް ތަކުގެ އަދަދު އިތުރުކޮށް ކޮންމެ ދުވަހަކުވެސް 600 އަށްވުގެ ގިނަ ސާމްޕަލް ނަގަމުންދާ ކަމުގައި ރެޕިޑް ރެސްޕޮންސް ޓީމުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަމުންދާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ގައި ހަރަކާތްތެރިވާ އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ އާރުއާރުޓީ ޓީމުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ސާމްޕަލްތައް ނަގަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ސާމްޕަލް ނަގަން ފެށުނުއިރު ކޮންމެ ދުވަހަކުވެސް 300 އަށްވުރެ ގިނަ ސާމްޕަލް ނަގަމުންދާކަމަށާ ނަމަވެސް މި އަދަދު މިހާރު އިތުރުކޮށް ކޮންމެ ދުވަހަކުވެސް 600 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް މިހާރު ނަގަމުންދާކަމަށެވެ.

"މީގެ ކުރިން ޓާގެޓަކީ 300 ސާމްޕަލް ދުވާލަކަށް ނެގުން. މިހާރުގެ ޓާގެޓަކީ 600 ސާމްޕަލް ނެގުން. އިއްޔެ އަޅުގަނޑުމެން ވަނީ 700 ސާމްޕަލް ނަގާފަ. އެއްދުވަހުން އަނެއްދުވަށް ޓާގެޓް ބޮޑުކޮށް، ގިނަ ސާމްޕަލްތައް ނަގަމުން މިއީ މިހަރުގެ އެންމެބޮޑު އަމާޒަކީ. ކުރިއަށް އޮތް ތަނުގައި ޓާގެޓް މިކުރަނީ ދުވާލަކު ނެގޭ ސާމްޕަލްތަކުގެ އަދަދު 1000 އިތުރުކުރުން." ނާސިރު ވިދާޅުވިއެވެ.

އިއްޔެ ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ރާއްޖެއިން ނެގުނު 700 ސަމްޕަލާއިއެކު އިއްޔެ ވެފައިވަނީ އެންމެ ގިނައަދަދަކަށް މި ބައްޔަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ނެގުނު ދުވަހުގެ ގޮތުގައެވެ. ސާމްޕަލްތައް ނަގަމުންދާ ޓީމުގައި ނަރުހުންނާއި، ސޯޝަލް ސަޕޯޓް މީހެއްގެ އިތުރުން އެހީތެރިންގެ ގޮތުގައިވެސް މީހުން ދާކަމަށް ނާސިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް ސަމްޕަލްތައް ނެގުމަށް ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދިޔަނަމަވެސް ބައެއް ފަހަރު މަދުންނަނަމަވެސް ސާމްޕަލް ނެގުމާ ދެކޮޅު މީހުން ފެންނަމުންދާ ކަމަށެވެ.

ސާމްޕަލްތައް ނެގުމުގައި އާރުއާރުޓީ ޓީމުން ހަރަކާތްތެރިވަނީ ކޯވިޑަށް ޕޮޒިިވްވާ މީހުންގެ ތެރެއިން ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ފާހަގަވެފައިވާ މީހުންނާއި، 1676 އަށް ގުޅައި ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކުރާ މީހުންނާއި، ބިދޭސީން އުޅޭތަންތަނުގެ އިތުރުން ވަކިވަކި ގޭތަކުންވެސް ސަމްޕަލްތައް ނަގަމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި ޑޮކްޓަރުންގެ ލަފަޔާއާއިއެކު އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަންދީގެން ސާމްޕަލްތައް ނަގަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ސާމްޕަލްތައް ނެގުން އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރަމުންދަނީ މުޅި މުޖުތައުގެ ސަލާމަތައްޓަކައިކަމަށެވެ. ސާމްޕަލް ނަގާ ކޮންމެ މީހަކީ ކޯވިޑްގެ އަލާމާތް ހުންނަ މީހެއް ނޫންކަން ފާހަގަކުރައްވާ ނާސިރު ވިދާޅުވީ ރެންޑަމް ސާމްޕަލް ނަގަމުންދަނީ މި ބަލީގެ ޙާލަތު އޮތް މިންވަރު ދެނެގަތުމަށްޓަކައި ކަމަށާ މިއީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދިނުމަށް ނަސީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.