ވިޔަފާރި

އެސްޑީއެފްސީ މެދުވެރިކޮށް އެންމެ ގިނަ ލޯނު ދޫކުރީ ކޮމާސްގެ ދާއިރާއަށް

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް މިހާތަނަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 241 ފަރާތަކަށް 22.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މި ލޯނުތައް ދޫކޮށްފައިވާ ވަކިވަކި ސިނާއަތްތަކަށް ބަލާލާއިރު ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ލޯނުދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއަށެވެ. އެއީ 63.3 މިލިއަން ރުފިޔާއެވެ. އެސްޑީއެފްސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތައް ދޫކޮށްފައިވަނީ 25.2 މިލިއަން ރުފިޔާއެވެ. އިމާރާތްކުރުމުގެ ސިނާއަތައް ދޫކޮށްފައިވަނީ 15.3 މިލިއަން ރުފިޔާއެވެ.

ދަތުރުފަތުރުކުރުމުގެ ސިނާއަތައް 8.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މެނިފެކްޗަރިންގ ސިނާއަތައް 8.1 މިލިއަން ރުފިޔާ، ސެލްފް އެންޕްލޯއިޑް ފަރާތްތަކަށް 4.5 މިލިއަން، މަސްވެރިކަމުގެ ސިނާއަތައް 1.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން އެންމެ މަދުން ފައިސާ ދޫކޮށްފައިވަނީ ދަނޑުވެރިކަމަށެވެ. އެއީ 0.5 މިލިއަން ރުފިޔާއެވެ.

އިކޮނޮމިކް ރިލީފް ޕެކޭޖު މެދުވެރިކޮށް މިދިޔަ އަހަރު 10 މިލިއަނަށްވުރެ އިތުރަށް އާމްދަނީ ލިބޭ ރިސޯޓްތަކަށް ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ. އަދި މިދިޔަ އަހަރު 10 މިލިއަނަށްވުރެ މަދުން ޢާމްދަނީ ލިބިފައިވާ ރިސޯޓުތައް ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިހާތަނަށް 125 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އިކޮނޮމިކް ރިލީފް ޕަންޑަކީ ކޯވިޑް19 ގެ މިދަނޑިވަޅުގައި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއި ބޮޑެތި ވިޔަފާރިތައް އިނދަނުޖެހި ކުރިއަށްދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ ޙާއްސަ ޕެކޭޖެކެވެ.