ވިޔަފާރި

ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދުފަހަރުން ނަގާ ބައެއް ފީތައް ކުޑަކޮށްފި


ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން ނަގާ ބައެއް ފީތައް ކުޑަކޮށް، ކަސްޓަމްސްގެ އާންމު ޤަވާއިދަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކަަސްޓަމްސްއިން މި މަހުގެ 23 ވަނަ ދުވަހު ވަނީ ކަސްޓަމްސްގެ ގަވާއިދަށް ގެނެވުނު އިސްލާހުތައް ގެޒެޓްކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން ޕްރޮވިޝަންގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި 7 ދުވަހު ބަނދަރުގައި އޮވެވޭނެއެވެ. އަދި އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މިފަދަ އުޅަނދުތަކަށް އޭޖެންޓުން އައްޔަނުކުރުމަށް 72 ގަޑިއިރު ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސްއިން ނަގާ ފީތައް ވަނީ ކުޑަކޮށްފައެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮޅަކަށް 250 ރުފިޔާ އެވެ. މީގެ ކުރިން ނަގަނީ 1000 ރުފިޔާ އެވެ. މި ބަދަލާ އެކު 15 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުން ދައްކަން ޖެހޭނީ 1000 ރުފިޔާ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭވަގުތުން ފެށިގެން އޭޖަންޓަކު ހަމަޖެއްސުމަށް 72 ގަޑިއިރުގެ މުހުލަތެއް ދިނުމަށް އިސްލާހުގައިވެ އެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އޭޖަންޓަކު ހަމަނުޖައްސައިފިނަމަ މި އިސްލާާހުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މި ފައިސާ، ކަސްޓަމްސް އަށް ދެއްކުމަށް ފަހުގަ އެވެ.

މީގެއިތުރުން މި އިސްލާހުގައި ވާގޮތުން ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރު ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅޭ ނަމަ މިކަމުގެ ސަބަބު ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި މިލިއުމުގައި ކްލިއަރެންސް ހޯދުމަށް އެދި ހުށަހެޅިދާނެ އެވެ. އުޅަނދުގެ އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް އަށް އަންނަ ބަދަލުތައް ކަސްޓަމްސްއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް އެންގުމަށްވެސް މިއިސްލާހުގައިވެއެވެ.