ޚަބަރު

މަސްދުވަހަށްފަހު "ޓެލިކިލާސް"ތައް އަލުން ފަށައިފި


ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ކިޔެވުން މެދުކަނޑާލުމަށްފަހު ގެނެސްދެމުންދިޔަ ޓެލިކިލާސްތައް އަލުން ފަށައިފިއެވެ. ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސްދެމުންދިޔަ ޓެލިކްލާސްތައް މެދުކަނޑާލީ ކޯވިޑް ބަލީގެ މީހަކު މާލެއިން ފެނި މާލެ ސަރަހައްދު މިދިޔަ އޭޕްރިލްމަހުގެ 15 ވަނަދުވަހު ފުރަ ބަންދުކުރުމާއި ގުޅިގެންނެވެ.

ޓެލި ކިލާސްތައް އަލުން ފަށާ އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ކްލާސްތަކުގެ ގަނޑިތައް އޮންނަ ވަގުތާއި ދުވަސްތައް އާއްމުކޮށްފައެވެ. ކްލާސްތައް ދައްކަން ފަށާފައިވަނީ މިއަދު ހެނދުނު ދިހައެއް ޖެހިއިރު ޕީއެސްއެމްގެ ޔެސް ޓީވީނެވެ. އަދި ފައުންޑޭޝަން ލެވެލްގެ ކުދިންގެ ކްލާސްތައް ދައްކަނީ ދިވެހި ޗެނަލްއިންނެވެ.

ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމުގައި 350 ވުރެ ޓީޗަރުން ބައިވެރިވެއެވެ. އަދި މިކަމުގެ އިންޒާމުތައް ހަމަޖެއްސުމުގައި 50 ވުރެ ގިނަ ސްކޫލް ބައިވެރިވެއެވެ. އިންޓަރނެޓް މެދުވެރިކޮށް ކުރިޔަށް ގެންދާ މި ކްލާސްތަކުގެ ކޮންމެ ޓީޗަރަކަށް 10 ޖީބީގެ ޑާޓާ ހޯދުމުގެ މަސައްކަތް ކުރާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ ގޭގައި ފިލާވަޅުތައް ތައްޔާރުކުރުމަށް ދަތިވާ ޓީޗަރުންނަށް ސްކޫލަށް ގޮސް އެކަން ކުރުމުގެ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

ޓެލިކިލާހުގެ ފިލާވަޅުތައް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ފިލާ" ޕޯޓަލްއިން ފަހުން ބަލާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް ބަލިމަޑުކަން ފެތުރެން ފެށުމުން އެކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލިތާ މިހާރު މިވަނީ ދެ މަހާއި ގާތްވެފައެވެ. މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ދޭ ލުއިތަކުގެ ދަށުން އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވޭނީ އަންނަމަހުގެ 14 ވަނަދުވަހުކަމަށް ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާއިރު މި އަހަރުގެ ތެރޭގައި ސިލަބަސް ކަވަރ ކުރެވޭނެ ގޮތަކަށް ސިލަބަހަށް ބަދަލުތައް ގެނެސް ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ފިލާވަޅުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ.

މި އަންނަ ބަދަލުތަކާއި އެކު އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ. އަދި މި ބަދަލަކީ ދާއިމީ ބަދަލަކަށް ހެދުމަށް ކަމާއި ގުޅޭ ދައިރާތަކާއި މަސްވަރާ ކުރެއްވުމަށްފަހު އައު އެކަޑަމިކް ކަލަންޑަރު ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.