ޚަބަރު

ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި "ނިއު ނޯމަލް"ގެ އުޞޫލުތައް ޢާއްމުކުރާނެ - ހެލްތު މިނިސްޓަރ


މާލެ ސަރަހައްދުގެ ފުރަ ބަންދަށް ފަހު އަންނަ "ނިއު ނޯމަލް" ނުވަތަ އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ ގޮތުގެ އުޞޫލްތައް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭ ޢާއްމުކުރައްވާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ލައިވް ކަވަރޭޖްގައި ފޯނުން ވާހަކަފުޅުދައްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ނިއުނޯމަލްގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށާ، މިއުޞޫލް ތައްޔާރު ކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި މާދަމާ މި އުޞޫލާމެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ކުރިއަށް އޮތް ދެތިން ދުވަހު އެފިޔަވަޅުތައް އާއްމު ކުރައްވާނެކެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތަށް ތައްޔާރުވުމުގެ ކުރިންވެސް ހޮސްިޕޓަލްތަކުން ދިޔައީ އެހެން އެތައް ބަލިތަކަކަށް ފަރުވާދެމުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އައު ޢާއްމު ޙާލަތުގައި ހޮސްޕިޓަލަށް ޑޮކްޓަރަށްދައްކަންދާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެކިއެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ ޢަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ލަފާ ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ އުޞޫލްގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓލްއަށް ދާނެގޮތްތަކާއި ފުލޫ ކްލނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައިވާ ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޯވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެހެން ފަރުވާ ހޯދަން ދާންޖެހޭ މީހަކަށް ހޮސްޕިޓަލަށް ދެވޭނެގޮތްތަކަށް، އަލުން އިންތިޒާމްތައް ހަމަޖެއްސުމަކީ އަލަށް އެކުލަވާލާ އުޞޫލްގައި އެކުލަވާލަންޖެހޭ ކަމެއް. ޚާއްސަކޮށް ލޮކްޑައުންގައި ޑޮކްޓަރަށް ދެއްކުމަށް ދިމާވި ދަތިތަކާއި އެ ތަޖުރިބާތައް ބޭނުންކޮށްގެން އުސޫލް އެކުލަވާލާފއިވާނީ. މިގޮތުން އެމްބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރަން ޖެހޭ. މިކަމަށް ބަދަލުގެނެސް ހަރުދަނާ ކުރުމަކީ މުހިއްމުކަމެއް. "މިނިސްޓަރ ވިދާޅުވިއެވެ.

އައު އުޞޫލްގައި މުޅި ސިއްޙީ ނިޒާމުން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތްތައް ފާހަގަކޮށްފައި ހުންނާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނަކީ ސިއްޙީ ނިޒާމުގެ މުހިންމު ބައެއްކަމަށާ، މިތަންތަނުން ޚިދުމަތްދޭނެ ދުވަސްތަކާއި މިފަދަ މުހިއްމު މަޢުލޫމާތުވެސް ހުންނާނެކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. އަދި ފުރަބަންދުން ލުއިތަކެއް ދޭއިރު މެޑިކަލް ރެސްޕޮންސް ޓީމެއް އޮންނާނެކަމަށާއި އެ ޓީމުން ގޭގެއަށްގޮސް ބަލިމީހާގެ ޙާލަތު ދެނެގެނަނެ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ އެކަން ކުރަމުންދާނެކަމަށެވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ސަރަޙައްދު ފުރަބަންދެންގައި އޮންނަތާ މިހާރުވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ. ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެންމެފުރަތަމަ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި މިހާރު މިވަނީ ސްކޫލްތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ފެށުމަށް ތައްޔާރުވެފައެވެ.