ޚަބަރު

ހުުމާލޭގައި ތަރައްޤީކުރި 300 އެނދުގެ މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާއި ޙަވާލުކޮށްފި


ކޯވިޑް19 އަށް ފަރުވާދިނުމަށް ހުޅުމާލޭގައި ތަރައްޤީކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް 45 ދުވަސްތެރޭގައި ނިންމާއި އެތަން އައިޖީއެމްއެޗާ ހަވާލުކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ފެށި މިމަސައްކަތް ނިންމައި އެތަން އައިޖީއެމްއެޗާއި ހަވާލުކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްގެންދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށާއި މަސައްކަތް ލީޑްކުރި މުއައްސަސާގެ ވަޒީރެއްގެ ހައިސިއްޔަތުން މި ނިންމާލެވުން މީ ވަރަށް ބޮޑު މަސައްކަތެއް ކަމުގައި އިޙްސާސް ކުރެވޭކަމަށެވެ.

މިމަސައްކަތް ކުރިއަށްދިޔައިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މަސައްކަތްތުގައި ހަރަކާތްތެރިވި ބައެއް ސިފައިން ކޯވިޑް-19އަށް ޕޮޒިޓިވްވުންކަމަށާއި، އެކަމާއި ގުޅިގެން ޕޮޒިޓިވްވި މީހުން އެކަހެރި ކުރުމުން އެ މަސައްކަތަށް އައި ހީނަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން 76 ސިފައިން އެތަނުގައި ކަރަންޓީނު ވެގެންވެސް މަސައްކަތްކުރައްވާފައިވެއެވެ.
ޕޮޒިޓިވްވި ސިފައިންނާއި އެފަރާތްތަކުގެ ޢާއިލާތަކާއި އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި އެފަރާތްތަކުގެ ބަހަކަށްވީވެސް ޤައުމު ގޮވާލި މިދަނޑިވަޅުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތުގައި ދެމިހުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ފުރާނަ އަތްމައްޗަށް ލައިގެން މެޑިކަލް ފެސިލިޓީ ތަރައްޤީކުރުމުގެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާޢެކު ޝުކުރު ދަންނަވާފައެވެ.

މިކަމުގައި އެމްއެންޑީއެފުން އިސްކޮށް ހަރަކާތްތެރިވިނަމަވެސް ފެނަކަ ކޯޕަރޭޝަނާ، ޕްލޭނިންގ މިނިސްޓްރީއާ، ލިއޯ ކޮންސްޓްރަކްޝަން، އަދި ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން މިމަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިކަން އެމްއެންޑީއެފުން ފާހަގަކުރެއްވިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްޤީކޮށްފައިވަނީ ފަސް ބުލޮކް ހިމެނޭ ގޮތަށެވެ. އެގޮތުން ހަތަރު ބުރި ހިމެނޭ ބްލޮކް އޭ އިމާރާތް ތަރައްޤީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީ ގައި 68 އެނދު ހިމެނޭއިރު، ބުލޮކް ސީ ބިލްޑިންގ ތައްޔާރުކޮށްފައި ވަނީ ސިއްޙީ ޚިދުމަތްދޭ މުވައްޒަފުންގެ އެކޮމޮޑޭޝަން އިމަރާތެއްގެ ގޮތުގައެވެ. އަދި ބުލޮކް ޑީ ސަރވިސް ބިލްޑިންގއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު، މި ބިލްޑިންގައި ހިމެނެނީ ލޯންޑްރީއާއި އޮފީހާއި މީޓިންގ ރޫމެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ފަސްވަނަ ބުލޮކް ކަމަށްވާ އެއްބުރިއަށް ހަދާފައިވާ ބުލޮކް އީ ގައި ހިމެނެނީ ހިނަވާގެޔަކާއި އޮޓޯކްލޭވް މެޝިނެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓިސް ތަރައްޤީ ކުރުމުގައި ސިފައިންގެ 350 ބޭކަލުން 24 ގަޑިއިރު މަސައްކަތްކޮށްފައިވެއެވެ.