ޚަބަރު

އަލަ ޗިޕްސް މާކެޓްކުރުމަށް ސަޕްލައި ކޮންޓްރެކްޓެއްގައި ސޮއިކޮށްފި


ޏ.ފުވައްމުލަކު،
ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއިން އުފައްދާ އަލަ ޗިޕްސް
މާކެޓްކުރުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް އާއިއެކު ސަޕްލައި ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ.



މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި
ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި ސޮއިކުރީ ފުނާޑު ޑިވެލޮޕްމަންޓް
ކޯޕަރޭޓިވްގެ ފަރާތުން އެ ކޯރޕަރޭޓިވްގެ ޗެއަރމަން އަޙްމަދު ޝަފީޤް އަދި އެއަރޕޯރޓްސް
ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.



މިއަދު މިސޮއިކުރެވުނު ސަޕްލައި ކޮންޓްރެކްޓުގެ ދަށުން މޯލްޑިވްސް އެއަރޕޯރޓް
ކޮމްޕެނީ ލިމިޓެޑްގެ ޑިއުޓީފްރީގައި އަލަ ޗިޕްސް ވިއްކަމުން ގެންދާނެކަމަށާއި މިއުފެއްދުން
މާރކެޓްކުރުމުގޮތުން ޕްރޮމޯޝަނަލް އިވެންޓުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް
އެގްރިކަލްޗަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.



އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއިން
އަލަ ޗިޕްސް ތައްޔާރު ކުރަމުންދަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ އިމާރާތެއްގައި
މިކަމަށް ހާއްސަކުރެވިފައިވާ މެޝިނަރީޒް ބޭނުންކޮށްގެންކަމަށެވެ. އަދި ތެލުލި އަލަ ތައްޔާރުކޮށް
ރަނގަޅު ފެންވަރެއްގައި ބަންދުކުރުމަށްފަހު، 50 ގްރާމް އަދި 100 ގްރާމްގެ ތެލުލި
އަލަ ތިން ރަހައެއްގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ.



ކޯޕަރޭޓިވްސްތައް އުފައްދައި ތަރައްޤީކުރުމަށް
މިމިނިސްޓްރީއިން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން
ޕްރޮގްރާމް،ފަޑިޕްގެ އެހީގައި ރާއްޖޭގައި
މިހާރު ހަތް ކޯޕަރޭޓިވް ޙަރަކާތްތެރިވަމުން ދެއެވެ.