ޚަބަރު

ފިޠުރު ޢީދު: ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރައްވާ - ރައީސް


ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ދޭދޭ ގުޅުންތައް ބަދަހިކޮށް މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ގޮވާލައްވާފައިވަނީ، 1441 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައިވަނީ، ފިޠުރު ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން، އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވެގެންދަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމާއި ރޭއަޅުކަން ކުރުމުގެ ހެޔޮ ނަސީބު، އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވީތީކަމަށް ފާހަގަކުރައްވާފައެވެ. އެމަހު، އަޅުގަނޑުމެން އަދާކުރި އަޅުކަމުގެ ދަރުމައާއި ޘަވާބު، އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، އެ މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިން ކަމުގައި ލެއްވުން އެދި، އެމަނިކުފާނުވަނީ ދުޢާކުރައްވާފައެވެ.

ޢީދު ދުވަހަކީ، އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަޙްމަތްތެރިކަމާއެކު، އަޅުގަނޑުމެންގެ ގުޅުންތައް އާލާކުރަންވީ ދުވަހެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރުމަށް ގޮވާލައްވާފައެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކާއި، މައިންބަފައިންނާއި ދަރީންގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އޮތުމުން މިއާދަތައް ހިފެހެއްޓުމަށް ގޮވާލެއްވިއެވެ. އެހެންކަމުން މިއަދަކީ، މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، ގުޅުންތައް ބަދަހިކުރުމަށް ރައީސް ގޮވާލެއްވިއެވެ. މި އީދުގައި އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކުގައިވެސް، މުވާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

ޢީދަކީ، އެންމެންގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލްވުމާއެކު، އުފާ ފާޅުކޮށް އުޅުމުގެ ދުވަހެއްކަމުގައިވާއިރު، ޢީދުގެ އުފާ ފާޅުކުރުން އޮތީ، މުޖުތަމަޢުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީންކަމަށް ވިދާޅުވިއެވެ. މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ޙާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމަޢުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވެ މި އުފާވެރި ފިޠުރު ޢީދުގެ ދަރުމައާއި ޘަވާބު ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅަކީ، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅެއްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޢާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމާއި، ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމަށް ގޮވާލެއްވިއެވެ. ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، ޢާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިޤްތިޞާދުކުރުމަށް އަޅުގަނޑުމެންގެ ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާވަނީ މިއީ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުގައި އަޅުގަނޑުމެން ހާސިލުކުރި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަށް އިސްކަން ދިނުމަށް ގޮވާލެއްވިއެވެ.

ޢީދުގެ އުފާވެރިކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ، އެ މުޖުތަމަޢެއްގެ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗައްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެން މި ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުންކަން ފާހަގަކުރެއްވިއެވެ. އަދި މި ޙާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވަނީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.