ޚަބަރު

މޮނީޓަރިންގައި ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތުގައިވެސް ޢީދު ނަމާދު ކުރެވޭނެ - މިނިސްޓަރ

ކޯވިޑް-19އާ ގުޅިގެން މޮނީޓަރިންގައި ނެތް ރަށްރަށުގައި ހާމަކަން ބޮޑުތަނެއްގައި ޖަމާޢަތް ހަދައިގެން ފިޠުރު ޢީދު ނަމާދު ކުރެވިދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު މިހާރުވަނީ މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.

މާދަމާއަކީ ބަރަކާތްތެރި ފިޠުރު ޢީދުދުވަހެވެ. ކޮންމެ އަހަރެއްގައިވެސް މިޢީދު ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދަނީ ވަރަށް އުފާވެރި މަޖާ މާޙައުލެއްގައެވެ. ޢިދުދުވަހުގެ އިރު އަރައގެން އަންނަނީ މިސްކިތްތަކުން އަޑު ހަރުކޮށް ކިޔާ ތަކުބީރު ތަކާއެކުގައެވެ.

މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ޢީދު ނަމާދު ކުރުމަށް ރަށެއްގައި އޮންނަ އޮންނަ އެންމެ ބޮޑު ބިމުގައި ބޮޑުޖަމާޢަތް ހަދައި ނަމާދުކުރެއެވެ. އެހެންނަމަވެސް މިއަހަރުގެ ފިޠުރު ޢީދު މިބައްދަލުވަނީ ވަރަށް ހިތާމަވެރި ދަނޑިވަޅެއްގައެވެ. ޤައުމުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން އަދިވެސް ބައެއް ރަށްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދެއް ނުކުރެވެއެވެ. މިރަށްތަކުގެ ރައްޔިތުން މިފަހަރު މިޖެހެނީ ޢީދު ނަމާދު ގޭގައި އެކަނި ނުވަތަ ޢާއިލާއައެކު ކޮށްލުމަށެވެ. ނަމަވެސް މިހާރު ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ އޮތް ރަށްތަކަށް މި ފުރުޞަތު އެބައޮތެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަކީ މިހާރުވެސް ހުއްދައޮތް ކަމެއްކަމަށާ، ޑޮކްޓަރުންވެސް އިލްތިމާސްކުރައްވަނީ ވީހާވެސްބޮޑަށް ހާމަކަން ބޮޑުތަކެއްގައި ނަމާދުކުރުމަށްކަމަށެވެ. އެހެންނަމަވެސް މިގޮތަށް ބޮޑު ޖަމާޢަތް އަތް ހަދައިގެން ނަމާދުކުރުމުގައިވެސް އެޗްޕީއޭއިން އަންގަވާފައިވާގޮތަށް އަމަލު ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ނަމާދަށް ދާއިރު މާސްކްއެޅުމާއި ގެއިން ވުޟޫކޮށްގެން ނަމާދަށް ދިޔުމުގެ އިތުރުން އަމިއްލަ މުޞައްލައެއް ގެންދިޔުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

"ވީހާވެސް ބޮޑަށް ގައިދުރުކަން އިސްކުރަންޖެހޭނެ. ސަލާންގަލާން ކުރާއިރު އަތް ޖޯޑު ނުކޮށް އަނގައިން މިހާލަތުގައ ސަލާން ގޮވަންވާނީ. ޢިދު ނަމާދުވެސް ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ކުރެވޭނެ،" އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވަނީ ބައެއްރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަ ދިނުމާއެކު ބައެއްމީހުންގެ ކަންބޮޑުވުންތައް ހުރިނަމަވެސް އެ ރަށްތަކަށް ހުއްދަދީފައިވަނީ ޑޮކްޓަރުގެ މަޝްވަރާއާއި ލަފާގެ މަތިންކަމަށް ވިދާޅުވެފައެވެ. އަދި ޙާލަތު ރަނގަޅުވެއްޖެނަމަ ހުރިހާ ރަށެއްގައިވެސް މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނަމާދު ކުރުމުގެ އިންތިޒާމްތައް ކައުންސިލްތަކުން ކުރިއަށް ގެންދާއިރު ކައުންސިލްތަކުން ޚާއްސަ ސަމާލުކަމެއް ދޭންވާނެ މިސްކިތްތަކުގެ ސާފު ތާހިރުކަމަށް. ސައިބޯނި ބަހައްޓައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަން ވާނެ. މިސްކިތްތަކުގައި ކާޕެޓް ބާއްވައިގެން ނުވާނެ." މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އީދު ޚުތުބާވެސް އެ މިނިސްޓްރީގެ ވެބްސަިޓްގައި ޝާއިއުކޮށްފައެވެ. އެހެންނަ،މަވެސް ގޭގައި ޢިދުނާމާދު ކުރާއިރު ޚުތުބާ ކިޔާކަށް ނުޖެހޭނެކަމަށް ދިނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމދު ކުރުން މެދުކަނޑަލުމަށްފަހު މިހާރުވަނީ މޮނީޓަރިންގައި ނުވަތަ ފުރަބަންދިގައި ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައެވެ. އެއާއެކު މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރަންވަނީ ފަށާފައެވެ.