ޚަބަރު

ކޯވިޑް-19 : ބަންގްލަދޭޝްގެ އިތުރު 198 މީހަކު އަނބުރާ ޤައުމަށް ފުރުވާލައިފި


ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ އިތުރު 198 މީހަކު މިއަދު އަނބުރާ ޤައުމަށް ފުރުވާލައިފިއެވެ. މިއާއެކު ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް އައިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 1038 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 198 މީހަކު މިއަދު އެ ޤައުމަށް ފޮނުވާފައި ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ބަނގްލަދޭޝް ރައްޔިތުން އަނބުރާ ގެންދިއުމައްޓަކައި އިތުރު ފްލައިޓެއް މިއަދު މެންދުރުފަހުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓް

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އެ ޤައުމަށް އަނބުރާ ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެޤައުމަށް މީހުން ފޮނުވާލާފައިވެއެވެ. މި މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިއުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.