ވިޔަފާރި

ރާއްޖެއަށް އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތައް 34 އިންސައްތަ އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތައް 34 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާރޗުމަހުގެ ނިޔަލަށް ރާއްޖެއަށް 19376 ޓަނުގެ ކާޑުގެ ބާވަތްތައް ވަނީ އެތެރެކޮށްފައެވެ. މިއީ އަގުގެ ގޮތުން ބަލާނަމަ 176 މިލިއަން ރުފިޔާގެ ކާޑެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ގަނޑުކުރި ކުކުޅުގެ އަދަދުވަނީ %61 އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 3،462 ޓަނުގެ ގަނޑުކުރި ކުކުޅު އެތެރެކޮށްފައެވެ.

ޒަރޫރީ މުދާތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު ދަށަށްގޮސްފައިވާ ތަކެއްޗަކީ، އަލުވި، ޕެޑު، ނެޕީ އަދި ކައްކާ ގޭހެވެ. އަލުވި އެތެރެކޮށްފައިވާ މިންވަރު %6 ދަށަށް ގޮސްފައިވާއިރު، ޕެޑު އެތެރެކޮށްފައިވާ މިންވަރު %16 ވަނީ ދަށަށް ގޮސްފައެވެ. ކައްކާ ގޭސް އިތުރުކޮށްފައިވާ މިންވަރު ވަނީ %21 ދަށަށް ގޮސްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުގައިވެއެވެ.