ޚަބަރު

ކޯވިޑް-19 : މައިނަރ ހޮޓެލް ގްރޫޕުން ޕީސީއާރް މެޝިނަކާއި، ގިނަ އަދަދެއްގެ ސެނިޓައިޒަރ ހަދިޔާކޮށްފި


މަޝްހޫރު ރިސޯޓް ޗެއިން އަނަންތަރަ މޯލްޑިވްސްގެ ރިސޯޓްތައް ހިންގާ މައިނަރ ހޮޓެލް ގްރޫޕުން ޕީސީއާރް މެޝިންނަކާއި ގިނަ އަދަދެއްގެ ސެނިޓައިޒަރ ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މައިނަރ ހޮޓެލް ގްރޫޕުން ކޯވިޑް-19އަށް ޓެސްޓްކުރާ ޕީސީއާރް މެޝިނަކާއި 378.5 ލީޓަރުގެ ހޭޑް ސެނިޓަޒަރ ހަދިޔާކޮށްފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ހާމަކުރައްވާފައެވެ. އެ މިނިސްޓްރީއިން ކުރެއްވި ޓުވީޓެއްގައި މި ދަތި ދަނޑިވަޅުގައި މައިނަރ ހޮޓެލް ގްރޫޕުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ކުރި ޓުވީޓް

މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އެގޮތުން އައިޖީއެމްއެޗްގައި އައު ޕީސީއާރް މެޝިނެއް އިންސްޓޯލްކޮށް އެ ހޮސްޕިޓަލުގެ ޓެސްޓިން ކެޕޭސިޓީ 600 އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޓެސްޓުގެ ނަތީޖާ އަވަހަށް ލިބޭ، ބައޯ ފަޔަރ ޕީސީއާރު މެޝިނެއް އެ ހޮސްޕިޓަލަށާއި ޓްރީޓޮޕް ހޮސްޕިޓަލްގައި ބޭނުންކުރުމަށް އިންޑިއާއިން ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންންވެ.

މީގެ އިތުރުން މި މަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް ޖީންއެކްސްޕަރޓް މެޝިނަށް ބޭނުންވާ ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކު، އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށޭނެކަން އެންއީއޯސީއިން ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓެސްޓުކުރެވޭނެ ގޮތަށް ކްރިޓިކަލް ފަރުވާ ދިނުމަށްވެސް މަރުކަޒްތަކެއް ދަނީ ތަރައްޤީކުރަމުންނެވެ. އެގޮތުން ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ، ލ. ގަން، އަދި ހއ. އިހަވަންދޫގައި ޤާއުމުކުރާ މި މަރުކަޒުތަކުގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުުން ގއ، އަތޮޅާއި ށ. އަތޮޅުގައި ޤާއިމޮކުރާ އިމާރާތްތަކުގެ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިންމާލާފައެވެ.