ޚަބަރު

ކޯވިޑް-19 : އިންޑިއާގެ ރައްޔިތުން ގެންދިއުމަށް އިތުރު އަސްކަރީ މަނަވަރެއް ރާއްޖެ އަންނަނީ


ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ އެ ޤައުމަށް ގެންދިއުމަށް އިތުރު އަސްކަރީ މަނަވަރެއް އަންނަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެ ޤައުމަށް ގެންދިއުމަށް ހިނގާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 1500 ވަރަކަށް މީހުން މިވަނީ އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި އެ ޤައުމަށް ގެންގޮސްފައެވެ.

އިންޑިއާގެ ރައްޔިތުންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރައްވާ އިންޑިއާ ހައި ކޮމިޝަނުން އާންމުކުރެއްވި ވީޑިއޯއެއްގައި ރާއްޖޭގައި ހުންނަ އެޤައުމުގެ ހައި ކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ، އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ވަޔާއި ކަނޑުގެ މަގުން ކުރަމުންދާކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އެއަރ އިންޑިއާގެ ފްލައިޓެއްގައި 152 މީހަކު ބެންގަލޫރަށް ފޮނުވާލާފައިވާއިރު އިތުރު ފްލައިޓްތަކެއް ދިއްލީ، މުމްބައި އަދި ޗެންނައިއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަން ހައި ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ މި ޙާލަތުގައި ކަނޑުމަގުން އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި 1500އެއްހާ މީހުން މިހާރު ފުރުވާލާފައިވާކަން ހާމަކުރައްވާ އިންޑިއާ ހައި ކޮމިޝަނަރ ވިދާޅުވީ އިތުރު އަސްކަރީ މަނަވަރެއް އަންނަ މަހުގެ ފަސް ވަނަ ދުވަހުވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެ މަނަވަރުގައި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 700 މީހުން އެ ޤައުމަށް ފުރުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ އިންޑިއާ ސަރުކަރުން ބާއްވާ މިފަދަ 4 ވަނަ ދަތުރެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ، މި ދަނޑިވަޅުގައި އިންޑިއާގެ 4،500 މީހުން އަނބުރާ ޤައުމަށް ދާން އެދިފައިވާއިރު މީގެ ތެރެއިން 1800 މީހަކު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.