ވިޔަފާރި

ނިއުނޯމަލް : އޮންލައިންކޮށް ފައިސާ ދެއްކުމާއި ފައިސާ ނޫޓު ސްޓެރަލައިޒްކުރުން


ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން ދިރިއުޅުމުގެ އާދަކާދަތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޓެކްނޮލޮޖީއަށްވާ ބަރޯސާވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާހަގަވާ އެއްކަމަކީ ކުރިއާއި އަޅާކިޔާއިރު ފައިސާގެ ނޫޓާއި ފައިސާ ފޮތީގެ ބަދަލުގައި މިހާރު އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު އިތުރުވެފައިވާކަމެވެ. ސަަބަބެއް ނެތިއެއްވެސް ނޫނެވެ. ފައިސާގެ ނޫޓާއި، ދަގަނޑު ފައިސާ ފޮއްޗަކީ އެކަކު އަތުން އަނެކަކު އަތަށް ދައުރުވާ އެއްޗެއްކަމުން މީގެން ޖަޒާސީމު ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ކޯވިޑް-19 ޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި ފެތުރެން ފެށުމުން އާންމުންގެ މެދުގައި އުފެދުނު އެއް ކަންބޮޑުވުމަކީ ފައިސާ ނޫޓާއި ދަގަނޑު ފައިސާއިން ކޯވިޑް-19 ފެތުރިދާނެތޯއެވެ.

މިކަމުގެ ޖަވާބުގައި ސައިންސްވެރިން ބުނެފައިވަނީ ފައިސާގެ ނޫޓުތަކުގެ ކޯވިޑް ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބްލިއުއެޗްއޯއާއި ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފައިސާ ގެންގުޅޭނަމަ އަތް ދޮވުން އިތުރުކުރަން އިލްތިމާސްކޮށްފައެވެ. އަދި ވިޔަފާރިކުރުމާއި ހިދުމަތްތައް ލިބުމުގައި އޮންލައިންކޮށް ފައިސާ ދެއްކުން އިހްތިޔާރުކުރަން ބާރު އަޅައެވެ. މިކަމާ ގުޅިގެން ޤައުމުތަކުން ވަނީ ފައިސާ ނޫޓާއި ފައިސާ ފޮތީގެ ބަދަލުގައި ކާޑު ނުވަތަ އޮންލައިން ޕޭމަންޓް ހިޔާރުކުރަން އާންމުންނަށް އިލްތިމާސްކޮށްފައެވެ. ބައެއް ޤައުމުތަކުގައި މިއީ މިހާރުވެސް އާންމު ކަމެކެވެ. ނަމަވެސް އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް މަދުންކުރާ ޤައުމުތަކުގައިވެސް ކޯވިޑް-19އާ ގުޅިގެން ވަނީ އިތުރުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް ކުރިއާ އަޅާކިޔާއިރު އޮންލައިންކޮށް ފައިސާ ދެއްކުމުގެ އާދަ މިވަނީ އާންމު ވެފައެވެ. ކުރިން މާގިނަ ވިޔަފާރިތަަކަކުން އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތެއް ނުވެއެވެ. ބޭނުންކުރަން ޖެހޭނީ ފައިސާ ނޫޓާއި ކާޑެވެ. ނަމަވެސް މިއަދު މިކަން ވަނީ ބަދަލުވެފައެވެ. ކުދި ބޮޑު ހުރިހާ ވިޔަފާރިއެއްހެން މިވަނީ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ކުރާ ގޮތަށް ބަދަލުކޮށްފައެވެ.

މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން، މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް އޮންލައިންކޮށް ފައިސާ ދެއްކުމަށް ކަސްޓަމަރުންނަށް ދަނީ ބާރުއެޅަމުންނެވެ. އަނެއްކޮޅުން ކަރަންޓު ފެން ބިލް ދެއްކުމަށްވެސް މިހާރު ހިޔާރުކުރަން ޖެހޭނީ އޮންލައިން ޕޭމަންޓެވެ.

ނަމަވެސް ބޭންކިން ހިދުމަތްދޭ ފަރާތްތަކުން ދަނީ އޮންލައިންކޮށް ފައިސާ ދެއްކުން އިތުރުވާއިރު، އާންމުން މިކަމުގައި ސަމާލުވުމަށް ވެސް ގޮވާލަމުންނެވެ. އޮންލައިންކޮށް ތަކެތި ގަންނަންވާނީ އިތުބާރު ކުރެވޭ ތަންތަނުން ކަމަށާއި ފައިސާ ޓްރާންސްފާ ކުރަންވާނީ ތަކެތި ލިބުމުން ކަމަށް ބޭންކުތަކުން ދަނީ ބުނަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން އާންމުވާން ފެށި އަނެއްކަމަކީ ޤައުމުތަކުގައި ދައުރުވާ ފައިސާ ކަރަންޓީނު ކޮށް ސްޓެރަލައިޒް ކުރުމެވެ. މިގޮތުން ބައެއް ޤައުމުތަކުން ދަނީ ދައުރުވާ ފައިސާ ސްޓެރަލައިޒްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ކޯވިޑް-19 ފެތުރެންފެށި ޗައިނާއިން ފެބްރުއަރީ މަހު މިމަސައްކަތުގެ ދަށުން ހުރިހާ ބޭންކުތަކަކަށް ވަނީ އާންމުންނަށް ދޫކުރާ ފައިސާ ސްޓެރަލައިޒްކުރުމަށް އަންގާފައެވެ.

ޗައިނާގެ އިތުރުން އެމެރިކާ، ޔޫކޭ، ޔޫރަޕްގެ ޤައުމުތަކާއި، ސައުދީ ފަދަ ޤައުމުތަކުންވެސް ދަނީ ފައިސާާ ސްޓެރަލައިޒް ކުރަމުންނެވެ. ސައުދީއަށް ބަލާނަމަ ޤައުމުގައި ދައުރުވާ ފައިސާގެ އިތުރުން ބޭރުން ވަންނަ ފައިސާވެސް ސްޓެރަލައިޒްކޮށް ސާފުރުކުުރުމަށް 14-20 ދުވަހަށް ފައިސާތައް ކަރަންޓީން ކުރަން މިހާރު ވަނީ ނިންމާފައެވެ.