ވިޔަފާރި

މިފްކޯ މަސްދަޅު ހެޔޮއަގެއްގައި ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި


ރޯދަމަހަށް ޙާއްސަކޮށްގެން މިފްކޯއިން ފަށާފައިވާ 'ފަސްމީރު މިވަރެއްނެތް!' ޕްރޮމޯޝަންގެ މުއްދަތު ޖޫންމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ އާއްމުންގެ މެދުގައި މިފްކޯގެ އެންމެ މަޤްބޫލު ދެ އުފެއްދުން ކަމުގައިވާ "ކަނޑުމަސް ތެލުގައި'' އަދި ''ކަނޑުމަސް ފެނުގައި'' ބަންދުކޮށްފައިވާ މަސްދަޅުގެ އަގު ހެޔޮކޮށް ލިބޭ ޕްރޮމޯޝަނެކެވެ. ކުރިން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމެއި މަހުގެ ނިޔަލަށެވެ.

މިފްކޯއިން ބުނީ މި ޕްރޮމޯޝަންއަށް އާންމުގެ ތަރުހީބު އެހެނިހެން އަހަރެކޭވެސް އެއްފަދައިން ލިބެމުންދާ ކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިފްކޯގެ ކަސްޓަމަރުންނަށް ދޭ ޢީދުހަޔިދާއެއްގެ ގޮތުން މިޕްރޮމޯޝަންގައި އިއުލާނުކުރެވުނު ހެޔޮއަގު ޖޫންމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ މިފްކޯއިން ހާމަކުރެއެވެ.

މީގެ ކުރިން ތެޔޮމަސް 48 ދަޅުގެ ކޭހެއް 680 ރުފިޔާއަށް ހުރިނަމަވެސް ޕްރޮމޯޝަންގައި 640 ރުފިޔާއަށް ލިބެއެވެ. އަދި ފެން މަސްދަޅުގެ 48 ދަޅުގެ ކޭސްވެސް ވަނީ 645 ރުފިޔާއިން 595 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފައެވެ.

މިފްކޯގެ މަސްދަޅު ކޭހާއި އެހެނިހެން މަހުގެ ބާވަތްތައް މާލެއާއި ހުޅުމާލޭގައިހުރި މިފްކޯމަސްފިހާރައިގެ އިތުރުން މިފްކޯގެ މަސްވެރިންގެ މެރީން ޝޮޕްތަކާއި މިފްކޯއައިސް ޕްލާންޓްތަކުން ލިބެންހުންނާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.