ޚަބަރު

އެމެރިކާއިން އޯޕަން ސްކައިސް މުއާހަދާއިން ވަކިވާނެކަން އިޢުލާނުކޮށްފި


35 ޤައުމުން ބައިވެރިވާ އޯޕަން ސްކައިސް މުއާޙަދާއިން އެމެރިކާ ވަކިވާނެކަމަށް އިޢުލާނުކޮށްފިއެވެ.

1992ވަނަ އަހަރު ޤާއިމުކުރި މުއާޙަދާއަށް ޢަމަލުކުރަން ފެށީ 2002ވަނަ އަހަރެވެ. އެ މުއާޙަދާގައި ބައިވެރިވާ ޤައުމުތަކަށް މުއާހަދާގައި ބައިވެރިވާ އެހެން ޤައުމުތަކުގެ މަތިން ހަތިޔާރާނުލާ ދުއްވާ ޖާސޫސީ މަތިންދާބޯޓު އުދުއްސުމުގެ ހުއްދަ ލިބެއެވެ. އެ މުއާޙަދާގެ ބޭނުމަކީ ޤައުމުތަކުގެ އަސްކަރީ ޤާބިލުކަން ދެނެގަނެ އިތުބާރު އިތުރުކުރުމެވެ.

އެމެރިކާއިން އޯޕަން ސްކައިސް މުއާޙަދާއިން ވަކިވާން ނިންމީ މުއާޙަދާގެ ބައިވެރިއެއްކަމަށްވާ ރަޝިޔާއިން މުއާޙަދާގެ މާއްދާތަކަށް ޢަމަލުނުކުރާކަމަށް ބުނެއެވެ. އެމެރިކާއިން ބުނީ ރަޝިޔާގެ އަވަށްޓެރި ޖޯޖިޔާއާއި ބޮލްޓިކް ކޯސްޓުގެ ކަލިނިންގްރަޑުގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒުގެ މަތިން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އުދުހުމުގެ ހުއްދަ ނުދޭކަމަށެވެ. އަދި ކުރިމަގުގައި ހިނގާފާނެ ހަނގުރާމައަކަށް ތައްޔާރުވުމަށް ރަޝިޔާގެ މަތިންދާބޯތުތަކުން އެމެރިކާއާއި ވިލާތުގެ ޤައުމުތަކަށް ޖާސޫސްކޮށް އެ ސަރަޙައްދުތަކުގައިހުރި އަމާޒުތައް ފާހަގަކުރަމުންދާކަމުގެ ތުޙުމަތުވެސް އެމެރިކާއިންކުރެއެވެ.

އެމެރިކާއިން ބުނީ ކުރިއަށް 6 މަސް ދުވަހުގެ ތެރޭގައި ރަސްމީކޮށް މުއާޙަދާއިން ވަކިވާނެކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވީ ރަޝިޔާއާއި އެމެރިކާއާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެއްކަމަށާއި ރަޝިޔާއިން މުއާޙަދާއަށް ފުރިހަމައަށް ޢަމަލުކުރާނަމަ އަލުން މުއާޙަދާގައި ބައިވެރިވާނެކަމަށެވެ. ނަމަވެސް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެކްސެންޑްރާ ގްރުޝްކޯ ވިދާޅުވީ އޯޕަން ސްކައިސް މުއާޙަދާއާ އެ ޤައުމުން ޚިލާފުވެފައި ނުވާނެކަމަށެވެ. އަދި އެމެރިކާއިން މުއާޙަދާއާ ޚިލާފުވިކަމަށް ބުނާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ދޮރުހުރީ ހުޅުވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

އޯޕަން ސްކައިސް މުއާހަދާއިން އެމެރިކާއިން ވަކިވާން ނިންމުމުން ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރެވޭނެ މިންވަރު ވަކި ޢަދަދެއްގައި ބެހެއްޓުމަށް ޝަރުތުކޮށް 2010ވަނަ އަހަރު ޤާއިމްކުރި ނިއު ސްޓާޓް އެކޯޑުގެ މުއްދަތުހަމަވުމުން އެމެރިކާއިން އެއްބަސްވުން އަލުން އައު ކުރާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.