ހުޅުމާލޭ ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.
އެން.އޯ.ސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން، ކޯވިޑް 19 އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިންވަނީ މާލެ އަތޮޅު މާފުށީ ޖަލާއި ހިންމަފުށީ އައްސޭރި ޖަލާއި މާޖެ ޖަލުންވެސް ސާމްޕަލް ނަގާފައެވެ.
ފުރަތަމަ ސާމާޕަލް ނަގާފައިވަނީ މާފުށީ ޖަލުންނެވެ. އެޖަލުން ޖުމަލް 38 ސާމްޕަލް ނަގާފައިވާއިރު، އެހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފައެވެ. އޭގެފަހުން ހިންމަފުށީ ރިހެބުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި ހުންނަ އައްސޭރިޖަލުން ނެގި 36 މީހުންގެ ސާމްޕަލްވަނީ ނެގެޓިވްވެފައެވެ.
މީގެ އިތުރުން މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހެއްގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން ނެގި 20 މީހެއްގެ ސާމްޕަލް ބެގެޓިވްކަމަށް ކަރެކްޝަނަލް ސަރވިސުންވަނީ ވިދާޅުވެފައެވެ.
ބަލީގެ އަލާމާތްތައްނުފެނިވެސް ކޯވިޑް19 އަށް ޕޮޒިޓިވްވާތީ މުޖުތަމަޢުގައި ބަލި އުޅޭ މިންވަރު ދެނެގަތުމަށް އެންއީއޯސީން ފަށާފައިވާ މަސައްކަތުން މިހާތަނަށް ސާމްޕަލްނެގި ޖަލުތަކުގެ ސާމްޕަލް ނެގެޓިވްވެފައިވާއިރު، ހުޅުމާލެ ޖަލުން މިނަގާ ސާމްޕަލްތައް ނެގެޓިވްވެއްޖެނަމަ ކަރެކްޝަނަލް ސަރވިސުން ބަލަހައްޓާ ޖަލުތަކުގައި ކޯވިޑް19 އަދި މިހާތަނަށް ނެތްކަން ސާމްޕަލްތަކުގެ ނަތީޖާއިން ކަށަވަރުކުރެވޭނެއެވެ.