ޚަބަރު

ކޯވިޑް-19 : ބަނގްލަދޭޝްގެ އިތުރު 152 މީހުން އަނބުރާ ޤައުމަށް ފޮނުވައިފި


ރާއްޖޭގައި ތިބި ބަނގްލަދޭޝްގެ 152 މީހުން މިއަދު އަނބުރާ ޤައުމަށް ފޮނުވައިފިއެވެ. މިއާއެކު ރާއްޖޭގައި ތިބި 640 ބަނގްލަދޭޝްގެ ރައްޔިތުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މި ވަނީ އަނބުރާ ޤައުމަށް ފޮނުވިފައެވެ.

މޯލްޑިވިއަންއިން ކުރި ޓުވީޓް

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 152 މީހުން މިފަހަރު އަނބުރާ ޤައުމަށް ފޮނުވާފައި ވަނީ، ރާއްޖެ އާއި ބަނގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މީގެ ކުރިން އެންމެ ފަހުން ބަނގްލަދޭޝްގެ ރައްޔިތުންތަކެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު 67 ބަނގްލަދޭޝް ރައްޔިތުންްންވެ. މި މީހުން އަނބުރާ ޤައުމަށް ފޮނުވާފައި ވަނީ، ރާއްޖެއަށް ސިއްޙީ ސާމާނު ހިފައިގެން އައި ބަނގުލަދޭޝްގެ އަސްކަރީ މަތިން ދާ ބޯޓުގައެވެ. މީގެ އިތުރުން ބަނގްލަދޭޝްގެ 353 މީހަކު ބީމާން އެއަރލައިންސްގެ ފްލައިޓްގައިވެސް ވަނީ އަނބުރާ ޤައުމަށް ފޮނުވާފައެވެ. މިހާތަނަށް ފޮނުވާލި އެންމެންނަކީވެސް ވާކް ވިސާ ނެތް ފަރާތްތައްކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްމީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގެދަށުން މީގެ ކުރިންވެސް 68 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ޤައުމަށް އަނބުރާ ފޮނުވާލާފައި ވަނީ ބަންގްލަދޭޝާއި ނޭޕާލްގައި ދިރިއުޅޭ ދިވެހިން ގޮވައިގެން ރާއްޖެއައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބަނގްލަދޭޝްގެ 500 އަށްވުރެ ގިނަ ބަނގްލަދޭޝްގެ ރައްޔިތުން ފުރުވާލަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. މިމީހުން ފޮނުވާލާނީ މޯލްޑިވިއަންގެ ފްލައިޓަކާއި، ބިމާން އެއަރލައިންގެ ފްލައިޓެއްގައިކަމަށްވެސް އެންއީއޯސީއިން އޭރު ވިދާޅުވިއެވެ.

އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތްކުރަމުން ދަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިޔުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.