ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލައިފިއެވެ.
ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި ލޮކްޑައުން ކުރަން އެރަށުގެ ކޯވިޑް ޓާސްކް ފޯހުން ނިންމީ މިދިޔަ މަހުގެ 22 ވަނަދުވަހުއެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން މި މުއްދަތު އިތުރުކޮށް ފަހުން ވަނީ ބައެއް ލުއިތައް ދީފައެވެ.
ކޯވިޑް ޓާސްކް ފޯހުން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން މެންދުރު 03:30 އަށް ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނިކުމެވެވިދާނެކަމަށެވެ. އެހެންނަމަވެސް އެ ނޫން ވަގުތަކުގައި ގެއިން ބޭރަށް ނުކުންނަން ޖެހޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އަދި އެނިންމުމާއި ހިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވަނީ ނިންމާފައެވެ.
ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލިކަން އިއުލާނުކޮށްފައިވަނީ މިރޭ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ސޮއިކުރައްވައި އާންމުކުރި އިއުލާނަކުންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޯވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ވިދާޅުވީ ކާފިއު އުވާލިނަމަވެސް ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު ސަރަހައްދުތައް ވަކި ގޮތެއް އަންގަންދެން ބަންދު ކުރެވިފައި އޮތް އޮތުން ދެމި އޮންނާނެ.ކަމަށެވެ. އަދި ރަށަށް މީހުން އަރާ ފޭބުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް ކުޅުދުއްފުށި ކައުންސިލުން ވިދާޅުވެއެވެ.
ކޯވިޑް-19 ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން މިވަނީ ލުއިތައް ދޭން ފަށާފައެވެ. މިގޮތުން މިވަގުތު މޮނީޓަރިންގެ ޙާލަތުގައި ނެތް ރަށްތަކުގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް ޖަމާއަތަށް ނަމާދަށް ނުކުންނަ މީހުން ގެއިން ވުޝޫކޮށްގެން މިސްކިތަށް ދިޔުމާއި ނަމާދުކުރުމަށް ވަކި މުސައްލައެއް ގެންދިޔުމާއި ގިނަ ވަގުތު މިސްކިތުގައި މަޑުނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ރޯގާގެ އެކި އަލާމްތަތައް ހުރި މީހުން މިސްކިތަށް ނުދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.