ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންގެ އަސަރުކޮށްފައިވާ ބަންގްލަދޭޝާއި އިންޑިއާއަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެން އާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރަށް މިހަމްދަރުދީގެ މެސެޖްތައް މިނިސްޓަރ ޝާހިދު ފޮނުއްވާފައިވަނީ ވަކިވަކިންނެވެ.
އިންޑިއާގެ އިރުމައްޗާއި، ބަންގްލަދޭޝްގެ އައްސޭރިފަށަށް ތޫފާން އަމްޕަން އެރުމާ ގުޅިގެން އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މިކަމާގުޅިގެން މިނިސްޓަރ ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، މި ތޫފާނުގައި ބައެއް މީހުންގެ ފުރާނަ ގެއްލި، ބައެއް އަވަށްތައް އެއްކޮށް ސުންނާފަތިވެ އަދި ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވެފައިވެއެވެ.
އަދި ތޫފާނުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދެޤައުމުގެ ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް މި ދުވަސްވަރަކީ ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެއާއި އަދި އެ ދެޤައުމުންވެސް ހަނގުރާމަކުރަމުންދާ ދުވަސްވަރެއްކަމުން، ތޫފާނުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކާރިސާތަކުން އަރައިގަތުމަށް ސަރަހައްދުގެ ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްއާއި އިންޑިއާގެ ސަރުކާރަށް ޙަމްދަރުދީއާއި ތައުޒިޔާ ވިދާޅުވެފައެވެ.