ޚަބަރު

ގަލްފުގައި އީރާނުގެ މަނަވަރުތައް ޙަރަކާތްތެރިވުން ނުހުއްޓާނެ، ޙަމަލާ ދިނުމަށް ތައްޔާރު


ގަލްފު ސަރަޙައްދުގައި އީރާނުގެ ކަނޑުގެ ސިފައިން ޙަރަކާތްތެރިވުން ހުއްޓާނުލާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އެމެރިކާއިންވަނީ އެޤައުމުގެ ހަނގުރާމަމަތީ މަނަވަރުތަކަށް އުނދަގޫ ނުކުރުމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެހެން ކަނޑުމަތީ އުޅަނދުތަކަށް އިންޒާރުދީފައެވެ. ވަކި ޤައުމެއްގެ ނަން އެމެރިކާއިން ބުނެފައިނުވިނަމަވެސް ބެލެވޭ ގޮތުގައި އެ އިންޒާރަކީ ސީދާ އީރާނަށް އަމާޒުކޮށް ދީފައިވާ އިންޒާރެކެވެ.

އީރާނުގެ ރަސްމީ ނޫހެއްކަމަށްވާ އައިއެސްއެންއޭގައި ބުނެފައިވާ ގޮތުގައި އެ އިންޒާރަށް ރައްދު ދިނުމުގެ ގޮތުން ޕާސިއަން ގަލްފާއި ގަލްފް އޮފް އޮމާންގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެ ޤައުމުގެ އަސްކަރީ އުޅަނދުތަކުން ކުރަމުންދާ މަސައްކަތްތައް ރަސްމީ ސިޔާސަތުތަކާ އެއްގޮތަށް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެއެވެ.

މިދިޔަ މަހު އީރާނުގެ 11 އުޅަނދެއްވަނީ ގަލްފު ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަކާއި ކޯސްޓުގާޑު އުޅަނދުތަކާ 100 މީޓަރަށް ގާތްކޮށްފައެވެ. އެމެރިކާއިން ބުނީ އެއީ ވަރަށް ނުރައްކާތެރި ޖެއްސުންކުރުމުގެ ޢަމަލެއްކަމަށެވެ. ނަމަވެސް އީރާނުންވަނީ އެ ހާދިޘާއަކީ އެމެރިކާގެ މައްސަލައެއްކަމަށް ބުނެފައެވެ. އެ ހާދިޘާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހުރަސްއަޅާ އީރާނުގެ މަނަވަރުތަކަށް ޙަމަލާދިނުމަށް އަމުރުކުރައްވާފައެވެ. އީރާނުންވަނީ އެ އިންޒާރަށް ރައްދުދީ ގަލްފު ސަރަޙައްދުގައި އީރާނަށް ހުރަސްއަޅާނަމަ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަށް އީރާނުން ޙަމަލާދޭނެކަމަށް ބުނެފައެވެ.