ޚަބަރު

ކޯވިޑް-19 : ކުރީގެ ރައީސުންގެ އިނާޔަތް މުރާޖަޢާކުރަން ރައީސް މައުމޫން ތާޢީދު


ކުރީގެ ރައީސުންނަށްދޭ ޢިނާޔަތް މުރާޖައާ ކުރެއްވުމަށް ސަރުކާރުން ހުށަހެޅުއްވާފައިވާ ހުށަހެޅުއްވުމަށް ތައީދުކުރައްވާކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ސަރުކާރުން ދެއްވަމުން އަންނަ ޢިނާޔަތްތައް މުރާޖަޢާ ކުރައްވަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްފައިވާ ހުށަހެޅުއްވުމަށް ތާޢީދު ކުރައްވައި ރައީސް މައުމޫނު ނެރުއްވި ބަޔަނެއްގައި ވިދާޅުވީ މި ޚައްސާސް ދަނޑިވަޅުގައި މިކަމާ ގުޅިގެން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސްކުރުމަކީ ވަރަށްމުހިންމު ކަމެއްކަމުގައި ދެކޭކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރެއްވުމަށް ތާއީދު ކުރައްވާކަމަަށްވެސް އެމަނިކުފަނު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގެ މިދުވަސްވަރު، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަރަށްގިނަ ދިވެހީންގެ ވަޒީފާ ގެއްލި އަނެއްބަކު ޢާމްދަނީ ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން އެފަރާތްތައްވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިކަމަށެވެ. މިއާއިއެކު ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރެއްވުމަށް ޖެހިފައިވާ މިދަނޑިވަޅުގައި މިފަދަ ކަންކަން ވީހާވެސް އަވަސްކުރުމަކީ މުހިންމު ކަމެއްގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، ފިނޭންސް މިިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންނަށްދޭ ޢީނާޔަތްތައް މުރާޖައާ ކުރުމަށާއި ދައުލަތުން ޚަރަދުކުރާ ގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާ އިން ޕެންޝަން އިނާޔަތް ހޯދާ މީހުން ކޮންމެވެސް އެއްސްކީމެއް އިޚްތިިޔާރު ކުރަން ޖެހޭގޮތް ހެދުމަށެވެ. އަދި މިއާއިއެކު ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދިނުމަށް އެދިވަޑައިގެންފައިވޭ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީނެވެ.