މުނިފޫހިފިލުވުން

އޮލިމްޕަސް: ދިވެހިންގެ ބައިސްކޯފުގެއަށް 61 އަހަރު


ދިވެހިންގެ ބައިސްކޯފުގެ "އޮލިމްޕަސް" މިވަނީ ފިލްމު ދެއްކުމާއި މުނިފޫހިފިލުވުމުގެ ހަފްލާތައް ބޭއްވުމުގައި މެދު ނުކެނޑި ފަސްދޮޅަސް އެއް އަހަރު ކަޑައްތުކޮށްފައެވެ.

1960ގައި އޮލިމްޕަހަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި ފުރިހަމަ ޢިމާރާތެވެ. ޢިމާރާތްކުރުމުގެ ފާޑުވެރިކަމަށް ބެލިޔަސް އޮލިމްޕަސް ވެގެންގޮސްފައި ވަނީ އޭރު މާލޭގެ އެންމެ ފުރިހަމަ ޢިމާރާތަށެވެ.

އޮލިމްޕަސް ބިނާކޮށްފައި ވަނީ އެޒަމާނުގައި މާލޭގައި ފިލްމު ދެއްކުމާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ސިނަމާ ކުންފުނިން ހިންގަންފެށި ފުރަތަމަ ސިނަމާ "ފަރީދީ ސިނަމާ" އަށްވުރެ ފުރިހަމަ ބައިސްކޯފުގެއެއް ރާއްޖޭގައި ހުންނަން ޖެހޭނެކަމަށް ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. މި މަޝްވަރާތައް ކުރެވުނީ 1957 ގައި ސުމުއްވުލްއަމީރު ޢިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރެވެ. އަދި އޮލިމްޕަސް ޢިމާރާތްކުރުމުގެ މަސައްކަތް ހަމަ އެއަހަރު ފެށުނެވެ..

ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި އެދުވަސްވަރު ހިންގަމުންދިޔަ ސިނަމާތަކާއި އެއް ފެންވަރުގެ ސިނަމާއެއް ޢިމާރާތްކުރުމަށްޓަކައި އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސްރިލަންކާގެ އެޗް.އެސް އާޓިސަންސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 11 ޑިސެމްބަރު 1957 ގައި ޢިބްރާހީމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވުމުން، ބޮަޑުވަޒީރުކަމުގެ މަޤާމާއި ދެން ޙަވާލުވެވަޑައިގަތީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. އެއަށްފަހު އޮލިމްޕަސް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

މި މަސައްކަތް ފުރިހަމަ ކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ނެގިއެވެ. އެދުވަސްވަރު ދަތުރުފަތުރާއި، މުވާސަލާތުކުރުމުގެ ކަންކަން އަދި ލިބެންހުރި ވަޞީލަތްތަކަށް ބަލާނަމަ މި މަސައްކަތްކޮށްފައި ކޮށްފައިވަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ.

1957ވަނަ އަހަރު ފެށި އައު ބައިސްކޯފުގެ "އޮލިމްޕަސް"ގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުުޅުވާފައިވަނީ 21މެއި 1959ވީ ބުރާސްފަތި ވިލޭރޭ، ނުވަތަ 20މައި 1959ވަނަ ދުވަހުގެ ރެއެވެ. މި ޢިމާރާތް ހުޅުއްވަވައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް، ކީރިތި މަހާރަދުންނެވެ. އޮލިމްޕަސް ހުޅުވާފައިވަނީ އޭރު ސިނަމާއަކަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކުއެވެ.

އޮލިމްޕަސް ހުޅުވުމަށްފަހު ފުރަތަމަ ދައްކަން ފަށާފައިވަނީ ހިންދީ ފިލްމުތަކެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ފިލްމުތައްވެސް އެޅުވިއެވެ. އެޢިމާރާތް މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ހިންގުމަށްވެސް ބޭނުންކުރެއެވެ. އެގޮތުން އޭރު އޮލިމްޕަހުގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އަދި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ އެއްކަމަކީ "އޮލިމްޕިއަންސް" މިއުޒިކް ބޭންޑްގެ ޝޯވތަކެވެ.

އޮލިމްޕަހުގައި ދިވެހި ފިލްމްތައް ދައްކަން ފެށީ 1980ގެ އަަހަރުތަކުގައެވެ. މީގެއިތުރުންވެސް މުނިފޫހިފިލުވުމުގެ އެކި ޙަރަކާތްތަކަށް އޮލިމްޕަސް ބޭނުންކުރެއެވެ. އެގޮތުން ތަމްސީލްތަކާއި، ސްޓޭޖު ޝޯވތައްވެސް އޮލިމްޕަހުގައި ބާއްވަމުން ދިޔައެވެ. އޮލިމްޕަހުގެ ޙަރަކާތްތަކުގެ ތެރެއިން 1990ގެ އަހަރުތަކުގައި އޮލިމްޕަހުގައި ސްކޫލްކުދިންގެ ލަވަކިޔުމުގެ މުބާރާތް ބާއްވަންފެށިއެވެ.

އޮލިމްޕަހަކަކީ މިގޮތަށް ބޭނުންކުރުމަށް މާލޭގައި، އަދި ރާއްޖޭގައިވެސް އޭރުހުރި މިފަދަ ޚާއްސަ ހަމައެކަނި ތަނެވެ. މިހާރުވެސް ހަމައެކަނި ދިވެހި ފިލްމު އެޅުވުމަށް ޚާއްސަ ސިނަމާއެއްގެ ގޮތުގައި ރާއްޖޭގައިި ހުރި ތަނަކީވެސް އޮލިމްޕަހެވެ.

އޮލިމްޕަސް 1959 ވަނަ އަހަރު ހުޅުވީއްސުރެ ފަންސާހަކަށް އަހަރުވީއިރުވެސް، ކުދިކުދި މަރާމާތުތައް ކޮށްލުން ފިޔަވާ، އެތަން އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައިނުވާކަމުގެ ޝަކުވާ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ފާހަގަކުރެއެވެ.

ބޮޑެތި ބަދަލުތަކަކާއެކު އެންމެ ފަހުން އޮލިމްޕަސް މަރާމާތުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެއަހަރު އޮލިމްޕަސް ވަކި މުއްދަތަކަށް ބަންދުކޮށް، މުޅި ޢިމާތުގެ ހަލާކުވެފައިވާ ތަންތަން ހެދުމާއި، ކުލަލުމާއި، ހަލާކުވެފައިހުރި ވަސީލަތްތައްވެސްވަނީ އަލުން ހަދައި ބޭނުންކުރަން ފަށާފައެވެ. އޮލިމްޕަހުގެ އެތެރޭގައި ޝޯވތައް ބަލަން ތިބޭއިރު ހޫނުގަދަވުމުގެ ސަބަބުން އާއްމުންކުރާ ޝަކުވާ ޙައްލުކުރުމަށް އޮލިމްޕަހުގައި އެއަރކޯން ހަރުކޮށް، އެތެރޭގެ ގޮނޑިތައްވެސް ބަދަލުކޮށްފައިވެއެވެ.

އޮލިމްޕަހުގެ 61 އަހަރުވީ ދިގު މާޒީގައި އެތަން ވެފައިވަނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވައިދީ، ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި އާއްމުންނާއި ގުޅުވައިދިން މުހިއްމު ބައިވެރިއަކަަށެވެ. އެގޮތުން ރާއްޖޭގައި އުފެއްދި ހުރިހާ ބޮޑެތި ފިލްމްތަކެއްހެން ރިލީޒްކޮށް ވަނީ އޮލިމްޕަހުގައެވެ. ފިލްމީ އެވޯޑް ޙަފްލާތަކާއި، އެނޫންވެސް މުނިފޫހިފިލުވުމާގުޅޭ ގިނަ ޙަފްލާތަކެއް އޮލިމްޕަހުގައި ބާއްވާފައި ވެއެވެ.